ފެނިގެން މިދަނީ ކަރަންޓް އަގު ހެޔޮ ކުރުމަށް ސަރުކާރުން ވި ވައުދު ފުލުން ދާތަން: އެމްޑީޕީ

ކަރަންޓުގެ އަގު ހެޔޮ ކުރާނެކަމަށާ ރައްޔިތުންގެ ޖީބަށް ލުއިވެގެން ދާނެ ކަމުގެ ޚަބަރުތަކެއްވަނީ ސަރުކާރުން އާއްމުންނަށް އިއްވުމުން ރައްޔިތުންގެ ކަރަންޓު ބިލްތައް ކުޑަވެގެންދަނީ ކަމަށް ހަޤީޤަތުގައިވެސް ޤަބޫލުކޮށް ގިނަ ބަޔަކުހިތްހަމަޖެހިގެންދިޔަ ކަމަށާއި ނަމަވެސް ފެނިގެން ދަނީ ސަރުކާރުގެ މި ވައުދު ފުލުންދާތަން ކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން ބުނެފި އެވެ.
އެ ޕާޓީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރެވިފައިވާ ފަދައިން، ކަރަންޓުގެ ޚިދުމަތަކީ ދިވެހި ކޮންމެ ރައްޔިތަކަށް ސަރުކާރުން ލިބިދޭންޖެހޭ ޚިދުމަތެއް ކަމަށާއި ރައްޔިތުން ސަރުކާރެއް ހިންގުމަށް ބަޔަކާ ހަވާލުކުރަނީ މިފަދަ ޚިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދޭނެކަމާ، މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ފަހިކަމާ ފާގަތިކަމެއްކަމެއް ލިބިގެން ދާނެކަމުގެ ފޮނި އުންމީދުގައި ކަމަށެވެ. އަދުގެ ޕީޕީއެމް އެމްޑީއޭ ސަރުކާރުން އަމަލުކުރަމުންދަނީ ކަރަންޓުފަދަ ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް އޮޅުވާލާ އަދި ޤައުމުގެ އިޤްތިސާދަށް ނުހަނު ނޭދެވޭ އަސަރުތަކެއް ކުރާނެ ގޮތްތަކަކަށް ކަމަށްވާތީ މިކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސިޔާސަތު ކޮމިޓީން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
“ނަމަވެސް މިއަދު މިފެންނަ ހަޤީޤަތަކީ، މިވައުދުވެސް ސަރުކާރުގެ އެހެން ވައުދުތަކެކޭ އެއްފަދައިން ފުލުންދާތަން، މީހުން ދިރިއުޅޭ ގެތަކަށް ކަރަންޓް ފޯރުކޮށްދޭ އަގު ބޮޑުކުރިގޮތަށް އަދިވެސް ކުޑައެއްނުކުރޭ، ކަންމިހެން އޮއްވާ ކުރީގައި ވިޔަފާރިތަކަށް ސަރުކާރުން ބިލް ކުރަމުން އައި ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައި، އެގޮތުން 3000 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކުގެ ކަރަންޓު އަގުކުރެވޭ ރޭޓް އިތުރުކުރެވިފައިވޭ، މިހެން ހެދުމުން، ކަރަންޓު ގިނައިން ބޭނުންކުރާ ފަރާތްތަކުގެ ބިލް %23 ނުވަތަ އެއަށްވުރެ އިތުރުވެގެންދާކަމަށް ހިސާބުތަކުންދައްކާ، އާއްމުކޮށް ކަރަންޓު ބޭނުންކުރުން އިތުރުވެގެންދާނީ ވިޔަފާރިކުރާ ތަންތަނުގައި ކަމަށްވާތީ މިއީ ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ބޮޑު ގޮންޖެހުމެއްކަމުގައި ދެކެން، ޚާޢްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކެތްކޮށްލަން އުނދަގޫވާފަދަ ހާލަތަށް މިކަމުގެ ސަބުބުން ދާނެކަމަށް ބެލެވޭ، ވިޔަފާރިކުރާ ފަރާތްތަކަށް މިފަދަ ދަތިތަކާ ކުރިމަތިވުމުން މިކަމުގެ ސީދާ ގެއްލުން ރައްޔިތުމީހާއަށް ކުރޭ، ވިޔަފާރިއަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި މުދަލާ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގުތައް އަތްނުފޯރާ ފަށަށްދާކަމާ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދެރަވަމުންދާތަން މިހާރު ފެންނަކަން ކަންބޮޑުވުމާއެކު ފާހަގަކުރަން” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ގިނަ މީހުން އެއްގެއެއްގައި އުޅޭ ކަމުގައިވާނަމަ އެގޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ބިލް ބޮޑުވެގެންދާނެ ކަމަށާއި ރާޢްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ހާލަތު ހުރި ގޮތުން، ގިނަ ފަހަރު ގިނަ މީހުން އެއް ކޮޓަރިއެއްގައި ނުވަތަ ގެއެއްގައި އުޅެން މެދުވެރިވަނީ ތަންކޮޅެއް ފޯރުންތެރިކަން ކުޑަ އާއިލާތަކުގައި ކަމަށެވެ. ކަރަންޓުގެ ޚިދުމަތަށް މިގެނެވުނު ބަދަލުގެ ސަބަބުން ގިނަ އާއިލާތައް ދިރިއުޅޭ ގެތަކުގެ ބިލްވެސް ވަރަށް ބޮޑުތަން އިތުރުވެގޮސްފައިވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށާއި އަދި މިފަދަ ނިންމުންތައް ނިންމާއިރު، މީގެ ސަބަބުން ގިނަ ކަރަންޓު ބިލްތަކަކަށް ބަދަލު އައުމަށް ސަރުކާރުން ބަލާފައިވާނެ ކަމާ، އެހެންނޫންނަމަ މިފަދަ ބަދަލެއް ނުގެންނާނެކަމަށް ޔަޤީންކުރެވޭ ކަމަށާއި އަދި މިބަދަލު ގެނެސްފައިވަނީ ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެކަމަށް ސަމާލުކަމެއް ނުދީ ސަރުކާރަށް ލިބޭ ފައިސާ އިތުރުކުރުމަށްކަންވެސް ޤަބޫލުކުރެވޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
“މީގެ އިތުރުން ސަރުކާރުން ކަރަންޓު ފޯރުކޮށްދޭ އަގު ބޮޑުކޮށްފައިވާއިރު ރައްޔިތުންނަށް ކުރިންވެސް ކަރަންޓް ބިލް ބޮޑުވާތީ ލުޔެއްދިނުމުގެގޮތުން 2010 ވަނަ އަހަރުން ފެށިގެން ދެމުންގެންދިޔަ ކަރަންޓް ސަބްސިޑީވެސް ކަނޑާލާފައިވުމަކީ ރައްޔިތުންނަށް ހެޔޮ އެދޭ އޯގާވެރި ސަރުކާރަކުން އަމަލު ކުރާނެ ގޮތެއް ނޫންކަން ފާހަގަކުރަން، މިގޮތަށް ކަރަންޓު ސަބްސިޑީގެ ގޮތުގައި ދެވޭ ފައިސާ ދިނުން ހުއްޓާލުމުން ސަރުކާރަށް 700 މިލިއަން ރުފިޔާ 2016 ވަނަ އަހަރު ލިބިގެންދާނެއެވެ. ނަމަވެސް މީ ރައްޔިތުންގެ ހައްގެއް ނިގުޅައިފަތުމަށްފަހު ރައްޔިތުންގެ އަތުން ސަރުކާރަށްމިއަހަރު ތެރޭގައި އިތުރަށް ނަގާނެ ފައިސާ، ކަރަންޓު ބިލް ބޮޑުކޮށްފައި، ސަބްސިޑީ ކަނޑާލުމުން ރައްޔިތުންގެ ޖީބުން 1.5 ބިލިއަން ރުފިޔާ އިތުރަށް ނަގާނެކަންވެސް ފާހަގަކުރަން” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ފަދަ ކަމެއްނޫން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާއިރު، އަދި ތެލުގެ އަގަށް އައި ހެޔޮ ބަދަލާއެކު ސަރުކާރުން ކަރަންޓު އަގު ހެޔޮ ކޮށްދޭނެކަމަށް ކަމަށް ބުނެފައިވީނަމަވެސް އަދިވެސް މިކަން ކުރެވިފައެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ވިޔަފާރިތަކަށް ބޮޑެތި ގެއްލުން ލިބޭ ގޮތަށް ބިލްކުރުމުގެ މިންގަނޑަށް ބަދަލުގެނައުމުން ސަރުކާރުގެ އިޙްލާސްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަލިބޭ ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމްތްދެވެނީ އެއްވެސް ދުރުވިސްނޭ ދެމެހެއްޓެނިވި ރޭވުމެއްގެ ދަށުންތޯ ސުވާލުއުފެދޭ ކަމަށާއި އަދި މިކަމުގައި ސަރުކާރުގެ އަމާޒު ވިއްސިވިހާޅިވެފައިވާކަމާ، ހަރުދަނާ ސިޔާސަތެއް ނެތްކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށާއި މިފަދަ ކުއްލި ބަދަލުތައް އައުމުން ވިޔަފާރިތަކަށްވާނެ ދަތިތަކާ، އެވިޔަފާރިތަކުން ހަދާފައިވާ ޕްލޭންތަކަށް ބުރޫ އަރާނެ މިންވަރާމެދު ސަރުކާރުން ނުވިސްނާކަން ސާފުވާކަމާ، މިއީ އިޤްތިސާދީ މާހިރުން ކަންކުރައްވާނެ ގޮތް ނޫންކަން ފާހަގަކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ރައްޔިތުން ދަލާ ލޭ އޮހޮރައިގެން ކުރާ ބުރަ މަސައްކަތުން ލިބޭ ފައިސާ މިސަރުކާރުން އޮޅުވާލުމާ މަކަރާ ހީލަތުގެ ތެރެއިން އަތުލާ އަދި ކޮރަޕްޝަންގެ އަމަލުތަކުން މިފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާތީ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، ކަރަންޓު ބިލް ބޮޑު ނުކުރުމަށާ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުންނަ އަގުގެ ނިސްބަތުން އަތްފޯރާ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށާ، ސަބްސިޑީ ކަނޑާނުލުމަށް ހަރު އަޑުން ގޮވާލާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ