ކޮވިޑް-19 ވައިރަހާ ގުޅިގެން އަމިއްލައަށް އެކަހެރި ނުވާ މީހުންނަށް ޔޫކޭ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ 'ދަ ޓެލެގްރާފް' ނޫހުން ރިޕޯޓު ކުރާ ގޮތުގައި ކޮވިޑް-19 ވައިރަހުގެ އަލާމާތްތައް ހުރިކަމަށް ކަމާބެހޭ ފަރާތްތަކަށް ފާހަގަކުރެވިގެން ޓެސްޓު ހެދުމާ ދެކޮޅު ހަދާ މީހުންނަށާއި، ބޭރުތެރެއަށް ނުނިކުމެ، އަމިއްލަ އަށް އެކަހެރިވެގެން އުޅެން ދެކޮޅު ހަދާ މީހުންނަށް އިނގިރޭސިވިލާތުގެ ފުލުހުން ބާރުގެ ބޭނުންވެސް ކުރެއެވެ.
އިނގިރޭސި ސަރުކާރުގެ ރަސްމީ ވެބްސައިޓުން ކޮވިޑް-19، ކޮރޯނާ ވައިރަހާ ގުޅިގެން ނެރެފައިވާ ސިއްޙީ ގަވާއިދުގައި ބުނާ ގޮތުން ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާ މީހުން، އެކަމަށް ޚާއްސަކޮށްގެން ފަރުވާދޭ ދޭ ސަރުކާރު ހޮސްޕިޓަލެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ ވަކި ތަނެއްގައި އަމިއްލަ އަށް އެކަހެރިވެގެން 14 ދުވަސް ވަންދެން މަޑުކުރަން ޖެހޭނެއެވެ.
އެ ގަވާއިދާއި ޙިލާފުވާ ފަރާތްތައް ހައްޔަރުކޮށް ބަންދުކުރުމުގެ ޤާނޫނީ ބާރު އިނގިރޭސި ފުލުހުންނަށް ވަނީ ދީފައެވެ. އަދި އެ ފަރާތްތައް އަލުން ކަރަންޓީން ފެސިލިޓީއެއްގައި އެކަހެރި ކުރުމުގެ ބާރުވެސް ފުލުހުންނަށް ދީފައިވެއެވެ. އަދި މި ގަވާއިދުތަކާއި ޙިލާފުވާ މީހުން 1000 ޕައުންޑް (19،000 ރުފިޔާ) އާއި ހަމަޔަށް ޖޫރިމަނާ ކުރުމުގެ ބާރުވެސް ވަނީ ދީފައެވެ.
އިނގިރޭސިވިލާތުން ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މި ބަލިމަޑުކަން އެންމެ ފުރަތަމަ ފެނުނު ގައުމު ކަމަށްވާ ޗައިނާގައި ވެސް އެޤައުމުގެ ފުލުހުން އަންނަނީ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެެވެ.
މީގެ މިސާލެއްގެ ގޮތުން ވައިރަހުގެ ސަބަބުން ކަރަންޓީން ކޮށްފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މާސްކު ނާޅާ ބޭރުތެރެއިން ފެނިއްޖެނަމަ އެޤައުމުގެ ފުލުހުންނަށް، އެމީހަކާ ދެކޮޅަށް ބާރުގެ ބޭނުން ކޮށް، އެމީހަކު ހައްޔަރު ކުރުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފައެވެ.
އިންގްލެންޑް، ވޭލްސް ހިމެނޭގޮތަށް މުޅި އިނގިރޭސިވިލާތުން 1300 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ކޮވިޑް-19 ވައިރަހަށް ފައްސިވެފައެވެ. އިނގިރޭސިވިލާތުން މިހާތަނަށް މި ވައިރަހުގެ ސަބަބުން ވަނީ 35 މީހުން މަރުވެފައެވެ.
ކޮވިޑް-19: އަމިއްލައަށް އެކަހެރި ނުވާ މީހުން ޔޫކޭއިން ޖޫރިމަނާކޮށް ފިޔަވަޅު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ