ހަތަރު ސިޓީގެ މޭޔަރުކަން ބޮޑުތަނުން އެމްޑީޕީ ނަގާނެ: ނަޝީދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރުކަން ވެރިކަން ކުރާ އެމްޑީޕީ ކެންޑިޑޭޓުން ކާމިޔާބު ކުރާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވީ ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އއ. ރަސްދޫއަށް ފުރުމުގެ ގޮތުން ހުޅުމާލޭ ބަނދަރުގައި މިއަދު ހެނދުނު ބޭއްވި ރަށްވެހި ފަތިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. އަދި ވިދާޅުވީ އެމްޑީޕީއަށް އިންތިހާބުތައް ކާމިޔާބު ކުރެވެނީ އެ ޕާޓީން އަބަދުވެސް ވަރަށް ފުޅާ ވިސްނުމެއްގައި މަސައްކަތް ކުރާތީ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެމްޑީޕީގެ ވިސްނުން ސާފުވާ ކަމަށް ވެސް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.
ކައުންސިލް އިންތިހާބުގައި މޭޔަރުން ހޮވަނީ މާލެ، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކު ސިޓީނެވެ. އޭގެ ތެރެއިން ކުޅުދުއްފުށި ސިޓީ ފިޔަވައި ދެން ހުރިހާ ސިޓީއެއްގައި މިހާރު ވެސް މޭޔަރުންނަށް ތިއްބަވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ނެވެ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުނީ މީގެ ދެ އަހަރު ކުރިންކަމަށްވާތީ އެ ސިޓީގައި އަދި މޭޔަރަކު ނުހުންނަވަ އެވެ.
މިފަހަރުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ އެޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވާދަ ކުރައްވާއިރު ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ މުހައްމަދު އާތިފެވެ. އަދި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީއިން ވާދަ ކުރައްވަނީ އިސްމާއިލް ރަފީގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ