ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް ނެއްލައިދޫއަށް ދަނީ

ހދ. ނެއްލައިދޫ ކަރަންޓްގެ މައްސަލަ ހައްލަކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް މިއަދު ނެއްލައިދޫއަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތު ހިއްސާ ކުރައްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބުރައީސް މުހައްމަދު އިލްހާމް ވިދާޅުވީ ނެއްލައިދޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ޓީމެއް އެރަށަށް ފޮނުވާނެ ކަމަށް،، އަދި މިއަދު 11:00 ޖެހުމުގެ ކުރިން ފެނަކައިގެ ޓީމް އެރަށަށް އަންނާނެ ކަމަށް ނެއްލައިދޫ ފެނަކަ ބުރާންޗުން ބުނެފައިވާ ކަމަށެވެ.
ފެނަކައިގެ ޓީމުން ނެއްލައިދޫގެ ކަރަންޓު ކޭބަލްތައް ބަލައި ދިރާސާ ކުރުމަށްފަހު ކަރަންޓު މައްސަލަ ހައްލުކުރުމަށް ހަދަންޖެހޭ ދިރާސާތަކެއްކޮށް ރިޕޯޓެއް އެކުލަވާލާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށާއި، އެހެންނަމަވެސް ކަރަންޓުގެ މައްސަލަ ހައްލުވާނެ ވަކި ތާރީޚެއް ރައީސް އޮފީހުން ބުނެފައި ނުވާ ކަމަށެވެ.
އިލްހާމް ވިދާޅުވީ ކަރަންޓުގެ މައްސަލައިގައި ރައީސް އޮފީހުން ޖަވާބެއް ލިބުމުން ރައްޔިތުން ކުރަމުންދިޔަ މުޒާހަރާ މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. އެހެންނަމަވެސް ރަށަށް ކަރަންޓު ދޫކޮށްފައިވަނީ ރޭ ފަތިހު 4:50 ހާއިރު ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
އިންޖީނުގެ އާއި ދުރުހިސާބުތަކަށް ކަރަންޓު ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ދައްކަމުން އިންޖީނުގެ އާއި ދުރު ހިސާބުތަކުގެ ގެތަކުގެ މީހުންގެ ޝަކުވާ ވަރަށް ގިނައިން ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އާބާދީގައި 1324 މީހުން ދިރިއުޅޭ ނެއްލައިދޫގައި މީހުން ދިރިއުޅޭ 200ގެ ހުންނައިރު މިގެތަކަށް ކަރަންޓު ދޫކުރުމަށް ބޭނުންކުރަނީ 120 ކިލޯ އާއި 60 ކިލޯގެ ޖަނަރޭޓަރެއް ކަމަށާއި އެހެންނަމަވެސް އެތަނުން 120 ކިލޯގެ ޖަނަރޭޓަރުން ރަނގަޅަށް ހިދުމަތް ނުދެވޭ ކަމަށްވެސް އިލްހާމް ވަނީ މައުލޫމާތު ދެއްވާފައެވެ.
އިއްޔެ ނެއްލައިދޫގެ ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފެށީ އެރަށުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދިއުމުން ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުންދާތީ ކަމަށް ނެއްލައިދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ކަރަންޓުގެ މައްސަލަ އަށް ބޭނުންވަނީ އަވަސް ހައްލެއް ކަމަށާ، ވަގުތީ ހައްލެއް ނޫން ކަމަށް ރައްޔިތުން ބުނާ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ