ފަލަސްތީނު ނުވަމީހުން ޝަހީދު، ހަމަލާތައް ވަރުގަދަކުރަން ނަތަންޔާހޫ އަމުރުކޮށްފި

އެއްގަމާއި، ވަޔާއި ކަނޑުގެމަގުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ އަމުރު ކޮށްފިއެވެ.
މިއާއެކު، އިސްރާއީލު ސިފައިންގެ ބޮޑު ފައުޖެއް މިހާރުދަނީ ޣައްޒާ-އިސްރާއީލު ވަކިކުރާ އިމަށް ބަރު ހަތިޔާރާއެކު ޖަމާވަމުންނެވެ. މިއީ، އެއްގަމު މަގުން ޣައްޒާއަށް އަރައިގަނެ ޣައްޒާ ހިފުމަށް އިސްރާއީލުން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ އެތަން މިތަނަށް ހަމަލާދިނުމުގެ ސަބަބުން މިހާތަނަށް ފަލަސްތީނު ނުވަމީހުން ޝަހީދުވެފައި ވާއިރު، ފަލަސްތީނު މުޖާހިދުން އިސްރާއީލުގެ ތެރެއަށް ފޮނުވަމުންދާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު ތިންމީހުން މަރުވެފައި ވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނު މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި، 14 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.
އިސްރާއީލު ތިންމީހުން މަރުވެފައިވަނީ، ފަލަސްތީނު މުޖާހިދުން އިސްރާއީލުގެ އަޝްކެލޮން ސިޓީއަށް ދިން ރޮކެޓް ހަމަލާތަކުގައެވެ.
ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ އަސްކަރީ ފިޔައާއި، އިސްލާމިކް ޖިހާދުގެ އަސްކަރީ ފިޔަ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް އޮޕަރޭޝަން ރޫމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލު ސިފައިންގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރިކަން ކުރިއަށް ގެންދާނަމަ ވަރުގަދަ އަދި ވޭންދެނިވި ރައްދު ދޭނޭ ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނާއި ފަލަސްތީނުގެ ބިން ދިފާއުކުރުމުގައި ގާއިމްވެ ތިބޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.
ސަރަހައްދީ އިމުގައި ތިބި މުރާސިލުން ބުނެފައިވަނީ، މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު މިފެށުނު ނުރައްކާތެރި އަސްކަރީ ކުރިމަތިލުން ކައިރި މުސްތަބްލެއްގައިވެސް ހުއްޓާލާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ