ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އަދިވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިދުވަސްވަރު ރާއްޖޭގެ އެހެން ހިސާބުތަކަށްވުރެ މެދު ރާއްޖެތެރޭ ސަރަހައްދަށް ވައި ޖެހޭލެއް ވެސް ބާރުވާނެ ކަމަށެވެ. އެ ސަރަހައްދުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރަނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ރާއްޖޭގެ އެހެން ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ރޭގައި ވަނީ ޔެލޯ އެލާޓް ވެސް ނެރެފައެވެ. ޔެލޯ އެލާޓް މިވަގުތަށް ކެންސަލް ކުރި ނަމަވެސް ވައިޓް އެލާޓް އަދިވެސް ކެންސަލެއް ނުކުރެއެވެ.
މި ވިއްސާރައިގައި ކަނޑުގަދަވެ، މާލެއާއި ހުޅުމާލެއާ ދޭތެރޭ ފެރީ ދަތުރުތައް ވެސް މެދުކަނޑާލިއެވެ. މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ތަންތަނަށާއި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ރޭ މާލެއަށް އެރި ކޮޅިގަނޑެއްގައި ހ.ސޯސަންމީޑުގެ ފުރާޅު ހަލާކުވެ އެގޭގައި ދިރިއުޅޭ މީހުންނަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ދީފައެވެ.
މާލެއަށް ރޭ ދިމާވި އެހެން ހާދިސާއަކަށް ބަލާއިރު އައިޖީއެމްއެޗުގެ ބައެއްގައި ހަދާފައިވާ ބީއެމްއެލްގެ އޭޓީއެމްގެ ބިއްލޫރި ދޮރު ވަނީ ތަޅައިގެން ގޮސްފައެވެ. ވިއްސާރައާއި ގުޅިގެން މާލޭގައި ފެން ބޮޑުވެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ. މީގެ އިތުރަށް މާލޭ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ބިލްބޯޑްތަކާއި ފެންސްތައް ވެސް ވެއްޓުނެވެ.
މިވިއްސާރައިގައި ވިލިމާލެއާއި ހުޅުމާލެއަށް ވެސް ރޭ ވަނީ ބައެއް ގެއްލުންތައް ލިބިފައެވެ. ވިއްސާރައާ ގުޅިގެން ދިމާވި ބައެއް ކަންކަމުގެ ސަބަބުން ހުޅުމާލެއިން ރޭ ވަނީ ވަގުތުކޮޅަކަށް ކަރަންޓު ވެސް ކެނޑިފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
މޫސުން އަދިވެސް ރަގަޅެއް ނޫން: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ