މެލޭޝިޔާގެ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އެންމެ މުއްސަނދި މެމްބަރުންގެ ޚަބަރުތައް މީޑިއާގެ ފަލަ ސުރުޚީން ޖާގަ ހޯދިއިރު، ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ފަގީރު މެމްބަރުންވެސް ވަނީ ހާމަވެފައެވެ.
ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އެންމެ މުއްސަނދި މެމްބަރުންނާއި، އަދި އެންމެ ފަގީރު މެމްބަރުން ހާމަވެގެންދިޔައީ، މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން، އެމްއޭސީސީން އާންމުކުރި އެސެޓް ޑިލްކަރޭޝަން ލިސްޓުންނެވެ. މިލިސްޓް އެ އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ.
އެމްއޭސީސީން އާންމުކުރި ލިސްޓުން، މަހެއްގެ މައްޗަށް އެންމެ ދަށް އާމްދަނީއެއް ލިބިވަޑައިގަންނަވާ މެމްބަރުގެ ގޮތުގައި ލިސްޓް ކޮށްފައިވަނީ ޕާލަމެންޓްގައި ބެންޓޮންގް ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު ވޮންގް ޓެކްއެވެ. އޭނާއަށް މަހެއްގެ މައްޗަށް އާމްދަނީގެގޮތުގައި ލިބޭކަމަށް ކަނޑައަޅާފައިވަނީ 22،412.64 (ބާވީސްހާސް ހަތަރުސަތޭކަ ބާރަ) ރިންގިޓްއެވެ. މިއީ އެމެރިކާ ޑޮލަރުން ނަމަ 7،342 ގެ މިންވަރެކެވެ.
އާންދަނީގެ އިތުރުން، މެމްބަރުންގެ އަމިއްލަފުޅު މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ އަގުވެސް މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައި ވެއެވެ. މިލިސްޓުން ހާމަވާގޮތުގައި ޕާލަމެންޓް މެމްބަރު ވޮންގް ޓެކްގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތެވެ. ލިސްޓްގައި ޖަހާފައިވަނީ "ސުމެއް" ކަމަށެވެ.
މަހެއްގެ މައްޗަށް އެންމެމަދުން އާމްދަނީ ލިބިވަޑައިގަންނަވާ ދެވަނަ މެމްބަރެއްގެގޮތުގައި ލިސްޓް ކޮށްފައިވަނީ ޕަރްމަޓަންގް ޕުއާހް ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ނޫރުލް އިއްޒާ އަންވަރުއެވެ. އޭނާއަށް މަހެއްގެ މައްޗަށް އާމްދަނީގެގޮތުގައި ލިބިވަޑައިގަންނަވަނީ 24،300 (ސައުވީސްހާސް ތިންސަތޭކަ) ރިންގިޓެވެ. އޭނާގެ މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ އަގަކީ 643،178.06 (ހަސަތޭކަ ސާޅީސް ތިންހާސް، ސަތޭކަ ހަތްދިހަ އަށެއް) ރިންގިޓެވެ.
ތިންވަނައަށް އެންމެ މަދުން އާމްދަނީ ލިބިވަޑައިގަންނަވާ މެމްބަރެއްގެ ގޮތުގައި ލިސްޓް ކޮށްފައިވަނީ، ޓެނޮމް ދާއިރާގެ މެމްބަރު ނޫރީޓާ ސުއަލްއެވެ. އޭނާއަށް މަހެއްގެ މައްޗަށް ލިބިވަޑައިގަންނަވަނީ 24،500 (ސައުވީސްހާސް ފައްސަތޭކަ) ރިންގިޓެވެ.
އެންމެ މަދުން އާމްދަނީ ލިބިވަޑައިގަންނަވާ ޕާލަމެންޓް އެހެން މެމްބަރުންގެ ތެރޭގައި، ލެމްބާހް ޕެންޓައިގެ ފަހުމީ ފަޒީލްއާއި، ކްލަންގް ދާއިރާގެ މެމްބަރ ޗާރލްސް ސަންޓިއާގޯއާއި، ޕެޓަލިންގް ޖާޔާގެ މެމްބަރު މާރިއާ ޗިން އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. އެއިން ކޮންމެ މެމްބަރެއްގެ މަސްދުވަހުގެ އާމްދަނީއަކީ 25،700 (ފަންސަވީސްހާސް ހަތްސަތޭކަ) ރިންގިޓެވެ.
އަމިއްލަފުޅު މިލްކިއްޔާތުގައި ހިމެނޭ މުދާ އަގުމަގު ކުރުމުން، އެންމެ ދަށް މުދާވެރިޔަކީ ޕަސިރް ގުޑަންގްގެ މެމްބަރު ހަސަން އަބްދުލް ކަރީމްއެވެ. އޭނާގެ މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ އަގު އަރަނީ 29،000 (އޮނަތިރީސްހާސް) ރިންގިޓަށެވެ.
މެލޭޝިޔާ ޕާލަމެންޓްގެ އެންމެ ފަގީރު މެމްބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ