ވޯޓުތައް ސިއްރުކުރަން ފާސްކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުންގެ މައްޗަށް ނަގާ އިތުބާރުނެތްކަމަށް ނަގާ ވޯޓުތައް ސިއްރުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފައިވާތީ އެއީ ގާނޫނާއި ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގާއި މާލޭ ދަފްތަރު އިބްރާހިމް ހުސެއިނެއެވެ. އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލަކީ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ޤާނޫން އަސާސީގެ 85 ވަނަ މާއްދާއާއި 73 ވަނަ މާއްދާއާއި ޚިލާފަށް މިއަދު މަޖިލީހުގައި ވޯޓް ނަގާ ފާސްކުރުމާއި ގުޅިގެން ކަމަށް މީގެކުރިން ވައްޑެ ވިދާޅުވި އެވެ.
ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ނެތް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާގެ ބައެއް ސިއްރު ނުކުރެވޭނެ ކަމަށާއި ޖަލްސާ ބާއްވަން ވާނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އެފަދަ ހާލަތެއް މިޤައުމުގައި ނެތި އިތުބާރު ނެތްކަމުގެ ވޯޓްތައް ސިއްރު ކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ޤަބޫލުކުރެވޭ ނިންމުމެއް ކަމަށް ނުވާތީ މައްސަލަ ހުށައެޅީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޤާނޫން އަސާސީގެ 73 ވަނަ މާއްދާގައިވާ އުސޫލްތަކާއި ޚިލާފަށް މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްގެ ގޮނޑީގެ ސައްހަ ކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އެ ދެ މެމްބަރުން ވޯޓު ދެއްވައިގެން މި އިސްލާހް ފާސްކުރުމުން އެއީވެސް ސުވާލު އުފެދޭ ޤާނޫނީ މައްސަލައަކަށްވުން އެކަމާއިމެދުވެސް ގޮތެއް ނިންމައިދިނުމަށް އެދިފައިވާނެކަމަށް ވަހީދު ވިދާޅުވިއެވެ.
އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްވީ 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކުރަން ޖުމްހޫރީ ޕާޓީ އާއި ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ތެރެއިން ބައެއް މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ