ދިވެހި ގައުމީ ދިދަ ބޭނުންކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެއްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ނަގައިދިނުމަށް ފުލުހުން އެދިފައިވަނިކޮށް މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހި ގައުމީ ދިދައަކީ ދިވެހިވަންތަކަމުގެ ފަހުރުވެރި ރަމްޒުކަމަށެވެ. އެހެންކަމުން އިހްތިރާމާއިއެކު ގައުމީ ދިދަ ބޭނުންކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ނަގަން އަންގާފާއެވެ. އަދި އަލަށް އެެކުލަވާލާ އާންމުކުރި " ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އައު އުސޫލު"ގެ ދަށުން އެ އޮފީހުގައި ގައުމީ ދިދަ ނަގާފައި ނުބެހެއްޓޭނެކަމަށް ފުލުުހުން ބުނެފައިވާކަމަށް މައުމޫންގެ އޮފީހުން ވަނީ ބުނެފައެވެ.
ހޯމް މިނިސްޓްރީން ބުދަ ދުވަހު އާންމުކޮށްފައިވާ ދިވެހި ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލުގައި ބުނެފައިވަނީ ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވުމުން މި އުސޫލަކީ ގައުމީ ދިދައަށް ހުރުމަތްތެެރިކޮށް ހިތުމަށްްޓަކައި، ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި، ދިދަ ބަހަންޓަންވީ ގޮތް، އަދި ދިދަ ގެންގުޅުމުގައި ބޭނުންކުރަންވީ ހަމަތަކާއި މިންތައް ބަޔާންކުރާ އުސޫލުކަމަށެވެ.
މިއަދު އާންމުކުރި އުސޫލުގައި ދިވެހި ދިދަ ހުންނަގޮތާއި، ދިދަ ބޭނުންކުރެވޭނެ މިންތަކާއި، ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ބަހަންޓަންޖެހޭ ތަންތަން ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރަށް މި އުސޫލުގައި ވަކި ވަގުތުތަކުގައި ދިދަ ނަގާފައި ހުންނާނެ ތަންތަނާއި، ދިދަ ނެގުމުގައި ހުއްދަ ހޯދުމާއި، އާންމުގޮތެއްގައި ދިދަ ބޭނުންކުރާނެ ގޮތާއި، އެހެން ދިދައަކާއިއެކު ގައުމީ ދިދަ ބޭނުންކުރާނެ ގޮތާއި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަންވާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.
ހޯމް މިނިސްޓްރީން ބުނީ ދިވެހި ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލު އެކުލަވާލުމުން މި އުސޫލާއި ހިލާފަށް އެއްވެސް ފަރާތަކުން ދިދަ ބޭނުންކޮށްގެން ނުވާނެކަމަށެވެ.
ގައުމީ ދިދަ ބޭނުންކުރުމަކީ ރައްޔިތުންގެ ހައްގެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ