މައުމޫން ސަރުކާރުގައި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާނެބާ؟- އަބްދުއްރަހީމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި މަރާލާފައިވާ މީހުންގެ މަރުގެ މައްސަލަތައް މި ސަރުކާރުން ބަލާނެތޯ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ. އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޖަލުގައި މަރާލާފައިވާ އީވާން ނަސީމާއި، ހުސައިން ސަލާހުގެ މަރުގެ މައްސަލައިގެ ހަޤީގަތް ހޯދަން ކޮމިޓީއެއް އެކުލަވާލަން ސަރުކާރު ކޯލިޝަނުގެ ހަތަރު ލީޑަރުންނަށް ކެރިވަޑައިގަންނަވާނެތޯ ސުވާލު އުފައްދަވާފައެވެ. އަދި މައުމޫންގެ ވެރިކަމުގައި އެފްޕީއައިޑީއިން ގެއްލުނު ފައިސާއަކީ ރައްޔިތުންގެ އަތުން ގެއްލިފައިވާ ބައިވަރު ފައިސާތަކެއްކަމަށާއި އެފައިސާ ހޯދަން ޖެހޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް އެހެން ވިދާޅުވެ ޓްވީޓު ކުރައްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެން މިހާރުވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި ޚިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް ކޮމިޝަންތައް އުފައްދަވާފައެވެ. އެހެންނަމަވެސް އެ ކޮމިޝަނުތަކުން ބަލަން ހަމަޖެހިފައިވަނީ 2012ވަނަ އަހަރުން ފެށިގެން ހިނގފައިވާ މައްސަލަތައް އެކަނިކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން، އީވާން ނަސީމާއި ހުސައިން ސަލާހުގެ މަރުގެ މައްސަލަ ތަހުގީގުކޮށް އެކަމުގައި ކުށްވެރިވާ ފަރާތްތަކަށްވެސް އަދަބު ދޭން ޖެހޭނެ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ