2016 އިން ފެށިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދޭން ޖެހޭ ފައިސާ އެފްއޭއެމް އިން ދީފައިނުވާ ކަމަށް ނިއު އިން ބުނެފައި ވީ ނަމަވެސް އެފްއޭއެމް އިން އެކަން ދޮގުކޮށްފިއެވެ.
ނިއުގެ ވާހަކަ އާއި ގުޅޭ ގޮތުން ވީ ސްޕޯޓްސް ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ނިއުގެ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި 2016 އަދި 2017 ވަނަ އަހަރު ނިއުއަށް ދޭން ޖެހޭ ފައިސާއެއް އެ ކުލަބަށް ނުދީ ނޯންނާނެ ކަމަށެވެ. ހަމަ އެކަނި ނިއުއަށް އެފްއޭއެމް އިން ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދީ ވަނީ ނިމިގެންދިޔަ 2018 ވަނަ އަހަރުގެ ސީޒަންގެ ފައިސާ ކަމަށާއި އެ ފައިސާ ވެސް ވަރަށް އަވަހަށް ދޫ ކުރެވޭނެ ކަމަށެވެ.
"ވަރަށް ބާރަށް ދެކެވޭ ވާހަކަތަކެއް ތިއީ އިނާމް ފައިސާގެ ވާހަކަ. އޭގެ ތެރޭގައި ދެހާސް ސާދަ އާއި ދެހާސް ފަނަރަ ވަނަ އަހަރުގެ ފައިސާގެ ވާހަކަ ވެސް ދައްކާ. އެކަމަކު އޭރު ޕްލޭޔަސް ސްޓޭޓަސް ކޮމިޓީއިން ނިންމާފައި ވަނީ ނިއުގެ ކުޅުންތެރިއަކަށް ދޭން ޖެހޭ ފައިސާގެ ބޮޑު އަދަދެއް ނުދީއޮތް ކަމަށް އެހެންވެ އެ ފައިސާ ދެވިފައި ވަނީ އެ ކުޅުންތެރިޔާއަށް" ނިއުއަށް ދޭން ޖެހޭ އިނާމް ފައިސާ އާއި ބެހޭ ގޮތުން ބައްސާމް ވިދާޅުވިއެވެ.
އެ ފައިސާއަށް ވީ ގޮތް އޭރު ނިއުއަށް އަންގާފައި ވާނެ ކަމަށާއި އަދި ފައިސާ ލިބުނުކަން ކުޅުންތެރިޔާއަށް ލިޔުމުން އެންގިފައިވާ ކަމަށެވެ.
ނިމިގެންދިޔަ ސީޒަންގެ ފައިސާ ވެސް ހިފެހެއްޓިފައި ވަނީ ކުޅުންތެރިންގެ މުސާރައިގެ މައްސަލަތައް އުޅޭތީ ކަމަށާއި ޕްލޭޔަސް ސްޓޭޓަސް ކޮމިޓީ އިން މައްސަލަ ބެލުމަށް ފަހު ނިއުގެ މައްސަލައެއް ނެތް ކަމަށް އަންގާ ހިސާބުން ނިމިގެންދިޔަ ސީޒަންގެ ހުރިހާ ފައިސާއެއް ވެސް ދޫކުރާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ޕްލޭޔަސް ސްޓޭޓަސް ކޮމިޓީ އަކީ ވަރަށް އިންޑިޕެންޑެންޓް ކޮމިޓީ އެއް ކަމަށާއި އެ ކޮމިޓީގައި އެފްއޭއެމްގެ ރައީސް އަދި އެކްސްކޯގެ އެއްވެސް މެންބަރަކަށް ގޮތެއް ނުކިޔޭނެ ކަމަށާއި އެފަދަ ކަމެއް ދުވަހަކު ވެސް ކޮށްފައިނުވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ކޮމިޓީ ތަކުގެ މިނިވަންކަން ހާމަކުރަމުން ބައްސާމް ވިދާޅުވީ މީގެ ކުރިން މަޝްހޫރު ކޯޗު އަލީ ސުޒޭން ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކަށް އޭނަ ސަސްޕެންޑް ކުރެވިފައިވާ ކަމަށާއި މިއަދު އޭރަށް ވުރެން ދޮގު ވާހަކަތައް މިނިވަން ކަމާއި ސޯސަލް މީޑިއާ އާއި ޓީވީތަކުގައި ދައްކަމުންދާއިރު ވެސް ފިޔަވަޅު އަޅާފައިނުވާނެ ކަމަށެވެ.
ނިއުގެ ފައިސާ ހިފެއްޓިފައިނުވާނެ ކަމަށް އެފްއޭއެމް އިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ