ގައުމީ، ސިޔާސީ އަދި އިޖްތިމާއީ މަސައްކަތްޕުޅުތަކުގެ މައުލޫމާތާއި ބައެއް މުހިއްމު ކަންކަމުގައި ގެންގުޅުއްވާ ވިސްނުންފުޅު ރައްޔިތުންނާ ވަގުތުން ވަގުތަށް ހިއްސާކުރެއްވުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ހަ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ރައީސް މައުމޫން އެކި ކަންކަމުގައި ގެންގުޅޭ ވިސްނުންފުޅުތައް ހިއްސާ ކުރައްވަމުން ގެންދަވަނީ ޓްވިޓާ މެދުވެރިކޮށެވެ. އަބަދުވެސް ހާލަތާ ގުޅޭގޮތުން އެމަނިކުފާނުގެ ބަސް އިއްވައެވެ.
ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހަށްފަހު ރައީސް މައުމޫން ޓްވިޓާއިން ގެއްލުނެވެ. އެއީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ގައުމުގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމަނިކުފާނު ހައްޔަރު ކުރެވުނު ދުވަހެވެ.
ނަމަވެސް ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެއަށް ފުލުހުން ވަޑައިގެން ހިސާބުން ވެސް އެމަނިކުފާނު ގެންދެވީ ރައްޔިތުންނަށް އެ މައުލޫމާތު ޓްވިޓާ މެދުވެރިކޮށް ފޯރުކޮށްދެއްވަމުންނެވެ.
އެގޮތުން އެދުވަހު އެންމެ ފަހު ޓްވީޓެއްގެ ގޮތުގައި ރައީސް މައުމޫން ކުރައްވާފައިވަނީ، ގިނަ އަދަދެއްގެ ފުލުހުން އެމަނިކުފާނުގެ ގެކޮޅު ކައިރީގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރަން ކަމެއް ނުވަތަ ހިމާޔަތް ދޭން ކަމެއް ނޭނގޭ ކަމަށެވެ.
އެ ޓްވިޓާއެކު ރައީސް މައުމޫން ވަނީ، އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން އެޗްއާރުސީއެމްއާއި އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަތުލް ކެޝަޕް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އަދި އެމްނެސްޓީ އިންޓަނޭޝަނަލްގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވައިފައެވެ.
އޭގެ އަށް މަސް ފަހުން އަނެއްކާވެސް ރައީސް މައުމޫން މިވަނީ ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައިފައެވެ. އެގޮތުން އެމަނިކުފާނު ކުރެއްވި އެންމެ ފުރަތަމަ ޓްވީޓުގައި ވިދާޅުވީ، ބިރުވެރި ހުވަފެން އުފާވެރި ގޮތަކަށް ނިމިއްޖެ ކަމަށެވެ.
”ބިރުވެރި ހުވަފެން އުފާވެރި ގޮތަކަށް ނިމިއްޖެ. އަޅުގަނޑު މިހާރު މިވަނީ އާއިލާއާއި ލޯބިވާ މީހުންގެ ގާތަށް އެނބުރި އާދެވިފައި،“ މާތްﷲ ހަމްދުކުރަމުން ރައީސް މައުމޫން އިނގިރޭސިން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ޓްވިޓާ އަލުން ބޭނުން ކުރައްވަން ފައްޓަވާފައިވާއިރު، ކަފާލާތުގެ ދަށުން އެމަނިކުފާނު ވަނީ މިދިޔަ އާދީއްތަ ދުވަހު ހައިކޯޓުން މިނިވަންކޮށްފައެވެ. ރައީސް މައުމޫން މިނިވަންކުރެއްވިއިރު، އެމަނިކުފާނު ގެންދެވީ ފެބްރުއަރީ އެކެއްގެ ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.
މިނިވަންވުމަށްފަހު ރައީސް މައުމޫން ކުރެއްވި ފުރަތަމަ ޓްވީޓް: ބިރުވެރި ހުވަފެން އުފާވެރިކޮށް ނިމިއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ