ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އިލްހާމް އަހްމަދާއި އަބްދުﷲ ސިނާނުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފި އެވެ.
މިތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަކީ މިބޭފުޅުންގެ ބައިވެރިވުން އޮވެގެން އޭރުގެ ސަރުކާރު ވައްޓާލަން ނެރުނު އަމުރެއް ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.
މިތިން ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެނެސްފައިވާ ކަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ މިބޭފުޅުންނަށް ލިޔުމުން އަންގާފަ އެވެ. އަދި އެމައްސަލަތައް އަނބުރާ ގެންދިއުމަށްފަހު މައްސަލަތައް ފުލުހުންގެ އިދާރާއަށް ފޮނުވާލާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ލިޔުމުން އަންގާފަ އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމުގެ ދައުވާ އަނބުރާ ގެންދިޔަ ނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި އެހެން ދެ ދައުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ދައުވާ ސާބިތުވި ދެ މައްސަލައިގެ އިސްތިއުނާފް ހުރިހާ މަރުހަލާއެއް ނިމުމާ ގުޅިގެން އަބްދުﷲ ސައީދަށް ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމުވެސް ގެއްލިފަ އެވެ.
ދައުލަތުގެ ފަރާތުން ކުރީގެ ރައީސް މައުމޫނާއި، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ކުރީގެ ސީޕީ އަހްމަދު އަރީފްގެ އިތުރުން ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާ ވެސް މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އަބްދުﷲ ސައީދާއި ދެ މެންބަރަކަށް ކުރި ޓެރަރިޒަމުގެ ދައުވާ އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ