ގާސިމް އިބްރާހިމް މަޑުން ހުންނެވުމަށް ހާމިދު އިންޒާރު ދެއްވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް މަޑުން ހުންނެވުމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ތަރުޖަމާން ހާމިދު އަބްދުއްގަފޫރް އިންޒާރު ދެއްވައިފިއެވެ.އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހްމީ ކުރެއްވި ޓްވީޓެއް ގާސިމް ރީޓުވީޓް ކުރުމުގެ ސަބަބުން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި ދެމެދު މައްސަލަ ހޫނު ވެފައިވާ ދަނޑިވަޅެއްގައި ހާމިދު ވަނީ ގާސިމް އަށް އިންޒާރު ދެއްވާފައެވެ.ހާމިދު އަބްދުއްގަފޫރް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ގާސިމްވެސް އެހާ ބާރަށް ނޫޅުއްވުމަށާއި، މަޑުން ހުންނަވަންޖެހޭ ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި "ތަންކޮޅެއް މަޑުން ހުންނަން" ހާމިދު އަބްދުލް ގަަފޫރު ވިދާޅުވުމުން މައްސަލަ ވަނީ ވަރަށް ގޯސްވެފައެވެ.މިކަމަށް އިޝާރާތް ކުރައްވާ ހާމިދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ، އަބްދުﷲ ރިޔާޒް އަށް ފާޑު ވިދާޅުވެ އެއްޗެއް ބުނުމުން މައްސަލަ ވަރަށް ގޯސްވި ކަމަށާއި، ބަޔަކު މީހުން ރުޅިގަދަވި ކަމަށެވެ. އަދި ކޯލިޝަން ހަލާކުކުރަން ބަޔަކު މީހުން މަސައްކަތް ކުރާ ކަމުގެ އިޝަރާތެއް ވަނީ ދެއްވާފައެވެ.އަލްހާން އެމްޑީޕީގެ ރޫހާނީ ލީޑަރު މުހައްމަދު ނަޝީދުގެ ފޮޓޯއެއް ހިމަނައި ލިޔުއްވާފައިވަނީ ޝަރީއަތުން ނިންމާފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށާއި ވެރިކަން ލިބުނީމާ ޤާނޫނާ ހިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާހުރި ކަމެއް ކަމަށެވެ.އަދި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާން ފަހުމީ ވަނީ ވިދާޅުވެފައެވެ. އަލްހާން ފަހުމީގެ އެ ޓްވީޓް ރީޓްވީޓް ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ސޯޝަލް އެކްޓިވިސްޓުން ވަނީ ޓްވިޓާރގައި ގާސިމް އިބްރާހިމަށް ގިނަ އަދަދެއްގެ ފާޑުކިޔުންތަކެއް އަމާޒުކޮށް ގާސިމްގެ އަގު ބޮޑުތަނުން ވައްޓާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ