ކުދިކުދި ބަދަލުތަކެއް ގެނެސްފިނަމަ ލާމަރުކަޒީ ނިޒާމް ފުރިހަމައަށް ހިނގާނެ - އުމަރު

ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމައަށް ހިނގާނީ އެނިޒާމަށް ކުދި ކުދި ބަަދަލުތަކެއް ގެނެސްގެން ކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި، ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނާއި ޒިންމާދާރުވެރިންގެ މަހާސިންތާ ފައްޓަވައިދެއްވަމުން އުމަރު ވިދާޅުވީ ކޮންމެ ނިޒާމެއް ވެސް އަލަށް ތައާރަފް ކުރާއިރު އެ ނިޒާމެއްގައި މީހުން އަހުލުވެރިނުވާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމު މިއީ އަޅުނގަޑުމެން މިއަށް ކުދިކުދި ބަދަލުތަކެއް ގެނެސްލީމާއި ވަރަށް ފުރިހަމައަށް ހިނގާނެ ވަރަށް ފުރިހަމަ ނިޒާމެއް" އުމަރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ހިންގުމާ މެދު ވޭތުވެދިޔަ ތިން ސަރުކާރާއި މި ސަރުކާރުން ސުވާލު އުފައްދާ ކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އެނިޒާމް އިސްލާހުކޮށް ރާއްޖޭގައި އެނިޒާމް ކުރިއަށް ގެންދާނެކަމަށެވެ.
އަދި މިނިޒާމު ދެމެހެއްޓުމުގައި "ޔޫ ޓާނެއް" ނުވަތަ ފަސް އެނބުރި ނުބަލާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ނިޒާމުގައި ޔޫޓާނެއް ނުނަގާނެ. ހުރި އުނދަގޫ ކަންކަމާއި ދަތިތަކާއި ތަޅު އެޅެވޭ ކަންކަން އިސްލާހުކޮށްގެން މި ނިޒާމު ކުރިއަށް ގެންދާނަން،" އުމަރު ވިދާޅުވި އެވެ.
މިޒާމް ގާއިމްކޮށްފައިވާ ހުރިހާ ގައުމެއްގައިވެސް މިފަދަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި އެކަންކަން ހަމައަކަށް އެޅެން އަންނަނީ އެފަދަ ކަންކަން އިސްލާހުކޮށްގެން ކަމަށް އުމަރު ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ