އިންޓަރ ސްކޫލް، ކޮލެޖު ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތް ފަށައިފި

އިންޓަރ ސްކޫލް، ކޮލެޖު ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތް މިއަދު ފަށައިފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ މިމުބާރާތުގައި 17 ސްކޫލަކާއި، 5 ކޮލެޖުން ޖުމްލަ 44 ޓީމު ވާދަކުރާ ކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ 17 ސްކޫލްގެ ތެރޭގައި ޖުމްލަ 34 ޓީމު ވާދަކުރެއެވެ. އަދި ފަސް ކޮލެޖުން މިމުބާރާތުގައި 10 ޓީމު ވާދަކުރާ ކަމަށްވެސް ވީއޭއެމްއިން މައުލޫމާތުދެއެވެ.
ވީއޭއެމްއިން ބުނީ، މުބާރާތުގައި އަތޮޅުތަކުގެ 6 ސުކޫލަކުން ޖުމްލަ 7 ޓީމު ވާދަކުރާ ކަަމަށާއި އެގޮތުން މުބާރާތުގައި ވާދަކުރާ އަތޮޅުތަކުގެ ސްކޫލްތަކަކީ ބ. ގޮއިދޫ ސްކޫލުން 2 ޓީމާއި ކ. މާފުށި ސްކޫލްގެ ޓީމަކާއި ތ. ވިލުފުށި ސްކޫލްގެ ޓީމަކާއި ފ. އަތޮޅު މަދަރުސާގެ ޓީމަކާއި ރ. އަލިފުށި ސްކޫލް ޓީމެއްގެ އިތުރަށް މ. މަޑިފުށި ސްކޫލްގެ ޓީމެވެ.
ވީއޭއެމްއިން ބުނީ، މިއަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ކުޅުންތެރިން ވާދަކުރާ މުބާރާތް ކަމަށާއި އެގޮތުން މި އަހަރު ޖުމްލަ 408 ކުޅުންތެރިން މުބާރާތުގައި ފެނިގެންދާނެ ކަމަށެވެ. މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ ޓީމު ބައިވެރިކޮށްފައިވާ ސްކޫލްތަކަކީ އިމާދުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލް އަދި އަހުމަދިއްޔާ ސްކޫލް އެވެ. މި ތިން ސްކޫލުންވެސް ހަތަރު ޓީމު ބައިވެރިކޮށްފައިވާ ކަަމަށް ވީއޭއެމްއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ