މައުމޫން ފައުންޑޭޝަނުން އިއުލާނުކުރި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މައުމޫން ފައުންޑޭޝަންގެ އެހީގައި އިންޑިއާގައި މަތީ ތައުލީމު ހާސިލްކުރުމަށް ހުޅުވާލި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ނާސިން އާއި ފިޒިއޮތެރަޕީގެ ރޮނގުން މިދިޔަ އަހަރު ވެސް ހަތަރު ސްކޮލަޝިޕެއް ދީފައިވާ އެ ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވީ މި އަހަރު އަލަށް، އަށް ކޯހަކަށް ކުރިމަތިލުމަށް ކުރިން ހުޅުވައިލި ފުރުސަތުގެ މުއްދަތު މިއަދު ހަމަވާނެ އެވެ. ނަމަވެސް ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އިންޑިއާގެ ބެންގަލޫރުގައި ހުންނަ ގާޑްން ޔުނިވަސިޓީ ކޮލެޖުގައި ކިޔެވުމަށް މައުމޫން ފައުންޑޭޝަނުން މި ފަހަރު އިއުލާނުކޮށްފައިވަނީ ޓޫރިޒަމް ހިސްޓަރީ އެންޑް ޖާނަލިޒަމް ކޯހަކާއި ޖާނަލިޒަމް ސައިކޮލޮޖީ އެންޑް އިންގްލިޝްގެ ތިން އަހަރުގެ ޑިގްރީ ކޯހަކާއި ކޮމްޕިއުޓަރު އެޕްލިކޭޝަންސް ޑިގްރީ ކޯހަކާއި ކޮމާސްގެ ޑިގްރީ ކޯހެކެވެ. އަދި ބިޒިނަސް މެނޭޖްމެންޓްގެ ކޯހަކާއި ހޮޓެލް މެނޭޖްމެންޓްގެ ކޯހަކާއި ބަޔޯޓެކްނޮލޮޖީ ބަޔޯކެމިސްޓްރީ އެންޑް ޖެނެޓިކްސްގެ ޑިގްރީ ކޯހެއް ވެސް އެ ފައުންޑޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި ކޯހަށް މުއްދަތު އިތުރުކުރީ އެ ސްކޮލަޝިޕްތަކަށް ރަށްރަށުން ވެސް ގިނަ ކުދިން ޝައުގުވެރިކަން ފާޅުކުރަމުން އަންނާތީ އެ ކުދިންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ކޮންމެ ކޯހަކަށް ހޮވެނީ އެންމެ ކުއްޖެއްކަމަށް ވިޔަސް ފެންވަރު ރަނގަޅު ގިނަ ކުދިންތަކެއް އެއް ކޯހަކަށް ކުރިމަތިލައިފި ނަމަ އެ ހުރިހާ ކުދިންނަށް ވެސް ކޯހުން ޖާގަދޭނެ ކަމަށް މައުމޫނު ފައުންޑޭޝަނުން ބުނެ އެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން ހަތަރު ކުއްޖަކަށް ބޭރުން ކިޔެވުމުގެ ފުރުސަތު ދިނިން. އެ ކުދިން އަންނަނީ އެ ކޮލެޖުން ރަނގަޅު ނަތީޖާތަކެއް ނެރެމުން. އަޅުގަނޑުމެންނަށް މިހާ ގިނަ ސްކޮލަޝިޕްތަކެއް އަދި ގިނަ ކުދިންތަކަކަށް ޖާގަ ދިނުމަށް ފުރުސަތު ލިބުނީ ވެސް އެ ކުދިން ހޯދަމުން އަންނަ ނަތީޖާތަކުގެ ސަބަބުން ކަމަށް ކޮލެޖުން ބުނޭ،" އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫނު ފައުންޑޭޝަނުން ކޯސްތައް އިހްތިޔާރުކޮށްފައިވަނީ މުސްތަގްބަލުގައި ރާއްޖެ އަށް އެންމެ ބޭނުންތެރި ރޮނގުތަކުންނެވެ. މިދިޔަ އަހަރު ސްކޮލަޝިޕްތައް ދީފައިވަނީ މުޅިން ހިލޭ ނަމަވެސް މި އަހަރު ދޭ ސްކޮލަޝިޕްތަކަކީ ހަމައެކަނި ޓިއުޝަންފީ ހިލޭ ދޭ ސްކޮލަޝިޕްތަކެއް ކަމަށް މައުމޫނު ފައުންޑޭޝަނުން ބުނެ އެވެ. ނަމަވެސް އަންނަ ސެޕްޓެމްބަރު މަހު ކޯސްތައް ފެށުމުގެ ކުރިން އެކި ފަރާތްތަކާ ގުޅައިގެން ކޯސްތަކަށް ދަރިވަރުން ކުރާ ހަރަދު ކުޑަކުރުމަށް އެހީ ހޯދާނެ ކަމަށް އެތަނުން ބުންޏެވެ. ކޯސްތަކަށް އެދި ހުށަހަޅާ ކުދިން އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ އެ ދާއިރާއެއްގެ ގާބިލް ބޭފުޅުން ހިމެނޭ ހާއްސަ ޕެނަލަކުންނެވެ.
ކޯސްތަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ހ. ފުލިދޫގޭ ފަސް ވަނަ ބުރިން އަދި މައުމޫން ފައުންޑޭޝަންގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ