އަބްދުﷲ ގާޒީ "ރަހީނު ކުރި" މައްސަލަ އަދި ނުނިމޭ: ތޯރިގް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު "ރަހީނު ކުރި" މައްސަލަ އަދި ނުނިމޭ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް އޭނާ ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ 2008 ވަނަ އަހަރު ފާސްކުރި ޤާނޫނުއަސާސީ އެކުލަވާލީ ރައީސް މައުމޫން ވެރިކަމުން ބޭލުމަށް ކަމަށާއި، އަދި ޤާނޫނުއަސާސީ އެކުލަވާލާފައި އޮތީ 2008 ގެ ވެރިކަން ރައީސް މައުމޫނަށް ލިބުނަސް ވެރިކަން ކުރުމަށް އުނދަގޫވާނެ ގޮތަށް ކަމަށެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު ވެރިކަމަށް އައީ ރައީސް ނަޝީދު ކަމަށާއި، އެމަނިކުފާނަށް މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން ވެރިކަން ކުރުމަށް އުނދަގޫވި ކަމަށެވެ.
"މިޤާނޫނުއަސާސީގަ ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލަވާލާފައި މިއޮތީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ބަޔަކަށް ފަނޑިޔާރުގެ ކޮންޓްރޯލް ވާގޮތަށް. ތަޖުރިބާއިން ފެންނަން އޮތީ މިގޮތަށް. މިހާރު ޤާނޫނުއަސާސީގަ ޖޭއެސްސީގަ ތިއްބެވި ބޭފުޅުންގެ ކޮންޓްރޯލް އޮންނާނީ އެއިރެއްގަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަގޮތަށް." ތޯރިގް ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން ފަނޑިޔާރުގޭގެ ކޮންޓްރޯލް ނުލިބުނު ކަމަށާއި، އެ ކޮންޓްރޯލް ނުލިބުމުން "ސަބަބުތަކެއް މެދުވެރި ކުރުވުމަށްފަހު" ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ "އަބްދުﷲ ގާޒީ ރަހީނު ކުރީ" ކަމަށެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ނޫންކަމަށެވެ.
ރައީސް ނަޝީދަށް އެ މައްސަލައިގައި އައިސްފައިވާ ހުކުމާ ގުޅޭގޮތުން ކުރީގެ ޕީޖީ ބީޝަމް ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވިކަމަށާއި، އެމައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރައީސް ނަޝީދުގެ މައްސަލަ ނިންމާފައިވާގޮތުގެ އިޖުރާއަތު ރަނގަޅު ނޫންކަމަށާއި، އެ މައްސަލަ އަލުން ބެލުމަށް ކަމަށް ތޯރިގް ވިދާޅުވިއެވެ.
"ރައީސް ނަޝީދު އަބްދުﷲ ގާޒީ ވަގަށްނެގި މައްސަލަ އަދި ނުނިމޭ." ތޯރިގް ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ތޯރިގް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާއިރު، ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެކަން ކުރުމަށް އަދި ޤާނޫނުއަސާސީއަށް ގެންނަންބޭނުންވާ އިތުރު އިސްލާހުތައް ގެނައުމާ ގުޅޭގޮތުން އެމްޑީޕީގެ އެތެރޭގެ މަޝްވަރާތައް ބޭއްވުމަށް ނިންމާފައިވައިރު އެކަމާ ގުޅޭގޮތުން ކޮންގްރެސްއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ