ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާކުރަންޖެހޭ: މެމްބަރު އިބްރާހިމް ރަޝީދު

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާކުރަންޖެހޭ ކަމަށް މާފަންނު މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ މިކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ، 75 ވެންޓިލޭޓަރު ގަތުމަށް މާލިއްޔަތުން އެމަޖެންސީކޮށް ދޫކުރި ފައިސާގެ ތެރެއިން އަހަރު ދުވަސްވީއިރު ލިބުނީ 15 ވެންޓިލޭޓަރު ކަމަށާއި އަދި ލިބުނު 15 ވެންޓިލޭޓަރުގައިވެސް ބައެއް އާލާތްތައް މަދު ކަމަށެވެ.
60 ވެންޓިލޭޓަރެއް އަދިވެސް ނުލިބޭކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ، ސާބިތުވުމާއި ނުވުމަކީ އެހެން މައްސަލައެއް ކަމަށާއި ދައުވާކުރަން ފޮނުވަންޖެހޭނެ ކަމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާފައިވަނީ، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށެވެ.
ދުބާއީދުގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދާށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ.
ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަލުން ރިވިއު ކުރުމަށްފަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ދައުވާ ނުކުރަން ނިންމީ، މީހެއްގެ މައްޗަށް އެކަން ސާބިތު ކުރެވޭވަރުގެ ހެއްކެއް ތަހުގީގަށް ހޯދިފައިނުވާތީ ކަމަށް ބުނެގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ