ކޮވިޑް ވެކްސިން ޖެއްސެވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ އިންކާރުކުރައްވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެކްސިން ޖެއްސެވުމަށް ޔާމީން މާލެ ގެނައީ މިރޭ 9:45 ހާއިރު ކަމަށެވެ. އެކަމަކު އެކަމަށް އިންކާރު ކުރެއްވުމުން އަނބުރާ މާފުށީ ޖަލަށް ގެންދިޔައީ ކަމަށް ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ވެކްސިން ޖެއްސެވުމަށް އިންކާރުކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ޔާމީނަށް ވެކްސިން ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.
ރާއްޖޭގައި މި ވަގުތު އާއްމުކޮށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުން އަންނަނީ ސައިނޯފާމް ވެކްސިނުންނެވެ. ފައިޒާ ވެކްސިން ޖަހައިދެނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެކަންޏެވެ.
ކަރެކްޝަންސް އިން ބުނީ މާލޭ ޖަލާއި ހުޅުމާލެ ޖަލުގައި ތިބި ގައިދީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ