އަބުދުﷲ ގާޒީ މައްސަލަ ހުޅުމާލޭ ކޯޓުން ބަލައިގެންފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ފަސް ދައުވާ ވެސް ހުޅުމާލޭ ކޯޓުން މިއަދު ބަލައިގެންފިއެވެ.
ހުޅުމާލޭ ކޯޓުގެ އޮފިޝަލަކު ސީއެންއެމަށް މިއަދު މައުލޫމާތު ދެއްވި ގޮތުގައި އެމައްސަލަތައް ޕީޖީން އެކޯޓަށް ހުށަހަޅާފައިވަނީ މިއަދު މެންދުރު އެކެއް ޖަހާއެހާކަށްހާއިރުއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ފަސް ބޭފުލެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހީމު ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާޑް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލާއި އޭރު މާލޭ ސަރަހައްދުގެ ކޮމާންޑަރަކަށް ހުންނެވި ރިޓަޔާޑް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމުދީދީއާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ހުޅުމާލޭ ކޯޓުގައި އެމައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމަވާފައިވާތީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ލަސްނުކޮށް އެދައުވާގެ ކަންތައްތައް ނިންމާ ދިނުމަށް ރައީސް ނަޝީދުވަނީ ހުޅުމާލޭ ކޯޓަށް ސިޓީއަކުން ދަންނަވާފައެވެ.
ހުޅުމާލޭ ކޯޓުންވަނީ އެމައްސަލަ ބެލުމަށް އެކަށިގެންވާ ޖާގަ އެކޯޓުގައި ނެތް ކަމަށް ބުނެފައެވެ. އަދި އެމައްސަލަ ބެލުމުގެ އިހުތިސާސް އެކޯޓަށް ލިބިގެން ނުވާ ކަމަށް ހުޅުމާލޭ ކޯޓުން ނިންމާފައިވާ އިރު، ވީހާ ވެސް ގިނަ ބަޔަކަށް ވަދެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވުމުގެ ގޮތުން ހުސް ޖާގަ ބޮޑު ތަނެއް ހޯދުމުގެ މަސައްކަތް ވެސް އެކޯޓުންވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ