މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން އަލްގީންގެ މައްސަލަ ނިންމުން އިތުރަށް ލަސްވަނީ

ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ އަލްގީން އެ ތަނުގެ ފައިސާތަކަކަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރާ މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން އެ މައްސަލަ ނިންމުން އިތުރަށް ލަސްވެއްޖެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަލްގީންގެ މައްސަލަ ކުރިން ބައްލަވާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ. އަދި ފަހުން ގާޒީ ޒުބައިރު މުހައްމަދު ވެސް އެ މައްސަލަ ބެއްލެވި އެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރު މިއަދު ވަނީ ބަދަލުވެފަ އެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަބްދުﷲ ދީދީ އެވެ. މިއަދުގެ އަޑުއެހުން ފެށުމާ އެކު ގާޒީ ވިދާޅުވީ އެ މައްސަލައަކީ ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދައްކައި އަޑުއެހުންތައް ނިންމާލާފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އޭނާ މައްސަލަ ބެއްލެވުމާ ހަވާލުވެވަޑައިގަތުމުން އަލުން އެ މައްސަލަ އަޑުއެއްސަވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އަދި މައްސަލައިގައި ކަށަވަރު ކުރަންޖެހޭ ބައެއް ކަންކަން ހުރި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވެވުމަށް ދައުލަތުގެ ވަކީލާ ޖިހާދާ އަނީސް އަށް ގާޒީ އެންގެވުމުން ވަކީލާ ވަނީ އެ ބަޔާން އިއްވަވައިފަ އެވެ. އެ ބަޔާން އިއްވެވުމުން ގާޒީ ވަނީ ދެ ތިން ސުވާލު ވަކީލާއާ ކުރިމަތިކުރައްވައިފަ އެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަކީލާ އެދިވަޑައިގެންނެވީ އިތުރު ފުރުސަތަކަށެވެ. އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ވަރަށް އަވަހަށް އަޑުއެހުންތައް ކުރިއަށް ގެންގޮސް މައްސަލަ ނިންމަވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފުރަތަމަ ބާއްވާފައި ވަނީ ޖޫން ،9 2009 ގަ އެވެ. އޭގެ އަހަރެއް ފަހުން މައްސަލަ ދެން ބާއްވާފައި ވަނީ ޖުލައި ،1 2010 ގަ އެވެ. މިއަދުގެ ކުރިން އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ އޮކްޓޯބަރު ،19 2010 ގަ އެވެ. އެ ދުވަހު އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވައި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. އަލްގީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުރާ ދައުވާގައި ބުނެފައި ވަނީ ،2006 2007 ވަނަ އަހަރު ރާއްޖޭގައި މޫސުމާ ބެހޭ ތަހްލީލު މަޝްރޫއެއް ހިންގުމަށް ޖެމްސްޓެކާއި މީޓިއޮރޮލޮޖީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމާ ބެހޭ ހުރިހާ މުއާމަލާތްތަކެއް މީޓިއޮރޮލޮޖީއާ ނުބެހޭ ގޮތަށް ސީދާ އަލްގީނާ ކުރުމަށް ޖެމްސްޓެކަށް އޭނާ އަންގަވާފައިވާ ކަމަށާއި އެއްބަސްވުމުގެ ދަށުން ޖެމްސްޓެކުން ފޮނުވަން ޖެހޭ ފައިސާ ހޯދުމަށް މީޓިއޮރޮލޮޖީގެ ނަމުގައި ފޮނުވި ރަސްމީ އިންވޮއިސްތަކުގައި ފައިސާ ޖަމާކުރަންޖެހޭ އެކައުންޓަކީ ބޭންކް އޮފް މޯލްޑިވްސްގައި އޭނާ ހުޅުވާފައިވާ އެކައުންޓެއް ކަމަށް އަލްގީން ލިޔުއްވާފައިވާ ކަމަށެވެ. އަދި ތަފާތު ހަތަރު ފަހަރެއްގެ މަތިން ޖެމްސްޓެކުން ފޮނުވި 177،460 ޑޮލަރު ( 2،280،361ރ.) އަލްގީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި އެ ފައިސާތަކަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ. އެހެންކަމުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ. އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން އަލްގީންގެ މައްޗަށް ދައުލަތުގެ 10،000ރ. އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ދައުވާކޮށް އޭނާގެ އަތުން އެ ފައިސާ ހޯދުމަށް އެ ދައުވާގައި އެދިފައިވެ އެވެ. ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ. ގައި ބުނަނީ ހިޔާނާތްތެރިވުމުގެ ކުށުގައި މީހަކަށް އަދަބު ކަނޑައަޅާ އިރު އެއީ އޭނާ އެ ކުށްކުރި ފުރަތަމަ ފަހަރު ނަމަ ހަ މަހާއި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުން ކަމަށެވެ. ގާނޫނުލް އުގޫބާތުގެ 132 ވަނަ މާއްދާގައި ބުނެފައިވަނީ ހިޔާނާތްތެރިވި މުދަލުގެ އަގު 10،000ރ. އިން ފެށިގެން މަތިވާ ނަމަ، ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމްކުރާ މުއްދަތަށް ކޮންމެ 1،000ރ. އަކަށް އެއް މަސް ދުވަސް އިތުރުވާނެ ކަމަށެވެ. ގާނޫނުލް އުގޫބާތުގެ 143 ވަނަ މާއްދާގައި ބުނެފައިވަނީ ސަރުކާރުގެ މުދަލަކުން ހިޔާނާތްތެރިވެއްޖެ ނަމަ އެ މީހެއްގެ އުގޫބާތަކީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާ އާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށް ލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ