އަފުރާޝީމްގެ ގާތިލުންނަށް އަދަބު ދީގެން ނޫނީ ރާއްޖެއަށް ހަމަޖެހުމެއް ނެތް: މައުމޫން

ޑރ. އަފްރާޝީމް އަލީގެ ޤާތިލުން އިންސާފްގެ ކުރިމައްޗަށް ގެންގޮސް ހައްޤު އަދަބު ދެވިގެން ނޫނީ ރާއްޖެއަށް ހަމަޖެހުން ނެތްކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިޤާލީ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް އެއް އަހަރު ފުރުމާއި ގުޅިގެން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި އަފްރާޝީމް އަލީގެ ޝަރަފާއި ހަނދާނުގައި ޕީޕީއެމްގެ ދީނީ ގޮފީގެ ރައީސްކަމުގެ ގޮނޑި އާއި ކައުންސިލްގައި ދީނީ ގޮފީގެ ރައީސް އިންނަވާ ގޮނޑި ކުރިއަށް އޮތް އެއް އަހަރުވަންދެން ހުސްކޮށް ބާއްވާން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
މައުމޫން ވިދާޅުވީ އަފްރާޝީމް އަލީގެ ޤާތިލުން ހޯދަން ފުލުހުން ކުރަމުން ގެންދާ މަސައްކަތަށް ތައުރީފްކުރައްވާ ކަމަށާ އަފްރާޝީމްގެ ޤާތިލުން އިންސާފްގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދޭންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ނުބައި ޤާތިލުންނަށް ހައްޤު އަދަބު ދިނުމަކީ ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ޝަހީދު ޑރ އަފްރާޝީމް އަލީއަކީ މިޤައުމަށް އެކި ރޮނގުރޮގުން ޚިދުމަތް ކުރަމުން ގެންދިޔަ އަގުހުރި ޚިދުމަތްތެރިއެއް. އެ މަނިކުފާނުގެ ޝަރަފުގައި ކުރިއަށް އޮތް ޤައުމީ މަޖިލީހުގައި އައްޔަންކުރާ ދީނީ ގޮފީގެ ރައީސްކަމުގެ ގޮނޑިއާއ ކައުންސިލްގައި އެ މަޤާމް ހިއްސާކުރާ ގޮނޑި ޝަހީދު ޑރ. އަފްރާޝީމް އަލީއަށް ޚާއްސަ ކުރުމަށްޓަކައި އެ ދެ ގޮނޑި އެއް އަހަރަށް ހުސްކޮށް ބޭއްވުމަށް މިހާރު ކައުންސިލުން ވަނީ ނިންމާފައި" ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫން ވަނީ ޕީޕީއެމްގެ މެންބަރުން އެއްބައިވުމަށް ވެސް ގޮވާލައްވާފަ އެވެ. ޕީޕީއެމްގެ ކުރިއަށް އޮތް ރިޔާސީ ޕުރައިމަރީއަށް އިޝާރަތްކުރައްވާ މައުމޫން ވިދާޅުވީ އިންތިޚާބުގެ ސަބަބުން ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް އުފެދިގެން ދިއުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫންކަމަށާ ޕާޓީގެ ސަފުތައް ބަދަހިކޮށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ހުރިހާ މެންބަރުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލެއްވި އެވެ.
މި ޖަލްސާގައި ރައީސް މައުމޫން ވަނީ އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ބާއްވާ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ޕީޕިއެމްގެ ކެނޑިޑޭޓަށް ކާމިޔާބުކޮށްދިނުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.
މިރޭގެ ޖަލްސާ ފެށުމުގެ ގޮތުން އަފްރާޝީމް އަލީގެ ހަނދާނުގައި ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ގެނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ