ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން 268 މިލިއަން ޑޮލަރު ދެއްކުމަށް ނެކްސްބިޒުން ނޯޓިސް ފޮނުވައިފި

ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް ހަދާފައިވާ ކޮންސެޝަން އެގްރީމަންޓަށް އަމުލުނުކުރާތީ 268.6 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ)ގެ ބަދަލެއް ދިނުމަށް ނެކްސްބިޒް އިން ދިވެހި ސަރުކާރަށް ތިން މަހުގެ ނޯޓިސް ފޮނުފައިފި އެވެ. އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ އަށް އެޑްރެސްކޮށް ނެކްބިޒްގެ ފަރާތުން ސިންގަޕޫރުގެ ލޯފާމެއް ކަމަށްވާ ރޮޑިކް އިން ފޮނުވާފައިވާ ނޯޓިސްގެ ކޮޕީއެއް "ހަވީރަ"ށް ވެސް ވަނީ ލިބިފަ އެވެ. މި މަހުގެ ފަސް ވަނަ ދުވަހު ނެކްސްބިޒް އިން ފޮނުވާފައިވާ ނޯޓިސްގައި ބުނެފައި ވަނީ ބޯޑަ ސިސްޓަމް ޑިޒައިން ކުރުމާއި ސަޕްލައި ކުރުމާއި އިންސްޓޯލް ކުރުމާއި އަދި އެ ސިސްޓަމް ހިންގުމަށް 20 އަހަރުގެ މުއްދަތެއް އެ ކުންފުންޏަށް އެއްބަސްވުމުން ލިބިދީފައިވާ ކަމަށެވެ. އަދި އެ ކަންކަމުގެ ހަރަދާ ގުޅިގެން ކުރާ ބިލްތަކަށް 30 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ފައިސާ ދައްކަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަމަށް ނޯޓިސްގައިވެ އެވެ. އެއްބަސްވުން ބާތިލުކުރި އިރު ވެސް އެ ކުންފުނިން ވަނީ 2.4 މިލިއަން ޑޮލަރުގެ ބިލްތަކެއް ދިވެހި ސަރުކާރަށް ހުށަހަޅައިފަ އެވެ. މެލޭޝިއާގެ ނެކްސްބިޒްގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުން މިދިޔަ މަހު ސަރުކާރުން ބާތިލް ކުރީ އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން ބޮޑު ކަމަށް އަންދާޒާ ކުރެވޭތީ ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކޮށްގެންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާކޮށްފައިވާ ގޮތުގައި ނެކްސްބިޒްގެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް 2.5 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ އެވެ. ސަރުކާރުން މިހާރު ވަނީ ނެކްސްބިޒްގެ ސިސްޓަމްގެ ބަދަލުގައި އެމެރިކާ ސަރުކާރުން ހިލޭ ދީފައިވާ ސިސްޓަމެއް ގާއިމުކޮށް ބޭނުންކުރަން ފަށައިފަ އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް ބޯޑާ ކޮންޓްރޯލް އެއްބަސްވުމުގައި ސޮއިނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނޭނގޭނެ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 16 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. މި މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން ހުކުމްކުރީ އޭސީސީގެ އެންގުމަށް އަމަލުކުރުން ލާޒިމް ނޫން ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިދިޔަ އަހަރުގެ ތެރޭގައި ހުކުމްކުރީ އެ އެންގުމަށް އަމަލުކުރުން ލާޒިމް ކަމަށެވެ. ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލުކޮށްފަ އެވެ. ނެކްސްބިޒްއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުން އުވާލުމަށް އާބިޓްރޭޝަންގެ ޕްރޮސެސް ފެށުމުގެ ކުރިން ލިބުނު ގެއްލުމުގެ ބަދަލު އަންގައި ނޯޓިސް ފޮނުވައްޖެހެ އެވެ. ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ ނެކްސްބިޒްގެ ރާއްޖޭގެ ލޯ ފާމް ސުއޫދު އަންވަރު އެންޑް ކޯއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނެކްސްބިޒާއި ދިވެހި ސަރުކާރާ އެކު ކޮށްފައިވާ އެގްރިމަންޓް ބާތިލް ކުރަން އޭސީސީން އެންގި އެންގުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ކޮމިޝަންގެ ތުހުމަތަކަކީ އެއްވެސް ބާރެއް ނެތް އަދި ސާބިތު ހިފޭ ވާހަކަތަކެއް ނޫންކަން ހާމަވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ވެސް ނިންމުމާ ހިލާފަށް ނެކްސް ބިޒްގެ އެގްރިމަންޓް ބާތިލް ކޮށްފައި ވާތީ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެ ޕްރޮޖެކްޓްގައި ބޭނުން ކުރުމަށް އެ ކުންފުނިން ގެނައި ނެޓް ބުކްތައް އޭސީސީން ހިފަހައްޓާފައިވާތީ އެކަމުގެ ސަބަބުން ވެސް އެ ކުންފުންޏަށް ބޮޑެތި ގެއްލުމާ ކުރިމަތިވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ