ބަލައި ނިމިފައިވާ މައްސަލައެއް އަލުން ބަލަނިކޮށް ސުޕްރީމް ކޯޓުން ހުއްޓުވައިފި

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައި ނިމިފައިވާ މައްސަލައެއް އެ ކޯޓުން އަލުން ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓުވައި، އެ މައްސަލައިގެ ފައިލް ބަންދުކުރަން އަންގައިފި އެވެ. ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނު އަމުރަކުން ހުއްޓުވީ ރުއްގަސްތަކަކަށް ބަދަލު ހޯދަން ކުޑަހުވަދޫ ކައުންސިލްގެ މައްޗަށް ދައުވާކޮށް، އެރަށު މީހަކު ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ އެންމެ ފުރަތަމަ އެ މީހާގެ ފަރާތުން 2013 ގައި ކުޑަހުވަދޫ ކޯޓަށް ހުށަހެޅުމުން ރުއްގަސްތަކުގެ ބަދަލަށް 230،000ރ. ދޭން ކުޑަހުވަދޫ ކައުންސިލްގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. ހައި ކޯޓުން އެގޮތަށް ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ބަދަލުގައި އެ މީހާގެ ފަރާތުން ވަނީ އަނެއްކާވެސް އެ މައްސަލަ ކުޑަހުވަދޫ ކޯޓަށް ހުށަހަޅައިފަ އެވެ. ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ކުޑަހުވަދޫ ކޯޓުން ބަލަމުން ދަނިކޮށް މައްސަލައިގެ ފައިލް ބަންދުކުރަން އަންގައި، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ ހައި ކޯޓުގެ ހުކުމަށް މިހާތަނަށް ބަދަލެއް އައިސްފައިނުވާތީ އެއީ ފައިސަލާ ކުރުވަނިވި ހުކުމެއް ކަމަށެވެ. އަދި އިސްތިއުނާފް ކުރުމުގެ ބަދަލުގައި ކުރީގެ ހުކުމަށް އަސަރު ފޯރާ ގޮތަށް އަމަލު ކުރުމަކީ އިންސާފުގެ ހަމަތަކާ ފުށުއަރާ ކަމެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ