ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް: ސުއޫދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދުކުރުމަށްޓަކައި ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރި ބިލް، ގާނޫނުއަސާސީއާ ހިލާފު ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި ގާނޫނީ ވަކީލު ހުސްނުއް ސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ. ސުއޫދު ވިދާޅުވި ގޮތުގައި މި ބަދަލު، ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ އަދުލް އިންސާފުގެ ދާއިރާގެ މިނިވަންކަމާއި ތިން ބާރު ވަކިކޮށްފައި އޮތުމުގެ އުސޫލާ ހިލާފުވެ އެވެ. މިކަމަކީ ޝަރުއީ ނިޒާމު އިސްލާހުކުރަން ކުރާ ކަމެއް ނޫން ކަމަށާއި ސިޔާސީ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "މިކަމުގެ ސަބަބުން ތިން ބާރު ވަކިކޮށްފައި އޮތުމުގެ ބޭނުން ކެނޑިގެންދޭ. ޖުޑިޝަރީގެ މިނިވަންކަން ގެއްލޭ. ޖުޑިޝަރީގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފަނޑިޔާރުގެ މަގާމު އުމުރަށް އޮންނާނެކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުސޫލާ ވެސް ހިލާފު،" ސުއޫދު ވިދާޅުވި އެވެ. "ސުޕްރީމް ކޯޓުގެ އަދަދާ މިގޮތަށް ކުޅުމަކީ ސިޔާސީ ކަމެއް. މިއީ ވަރަށް ބޮޑު ގޯހެއް. އެހެންވެ އަޅުގަނޑު ރައީސް ޔާމީނަށް ގޮވާލަން މި ބިލް ތަސްދީގު ނުކުރެއްވުމަށް." ހައި ކޯޓުގެ ދެ ގޮފި ރާއްޖޭގެ އުތުރާއި ދެކުނުގައި އުފެއްދުމަކީ ރަނގަޅު ބަދަލެއް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ކޯޓުތަކަށް މައްސަލަ ހުށަހަޅާ އަދަދަށް ބަލާއިރު، ހައި ކޯޓުގެ ދެ ގޮފި ހެދުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. "އަހަރަކު ދަށު ކޯޓުތަކަށް މި ހުށަހަޅަނީ 6،000 މައްސަލަ. އޭގެތެރެއިން 60 ޕަސެންޓަކީ މާލޭގެ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް. އަދި އަހަރަކު ހައިކޯޓަށް ދަނީ 100 މައްސަލަ. އެހެންވެ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ހައި ކޯޓުގެ ދެ ގޮފި އުފެއްދުމުގެ ބޭނުމެއް ނުފެނޭ،" ސުއޫދު ވިދާޅުވި އެވެ. ކޯޓުތަކާ ބެހޭ ގާނޫނަށް މި ބަދަލުތައް ގެންނަން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. ނަމަވެސް ކޮމިޓީގެ މަރުހަލާގައި ބިލަށް ބަދަލުތައް ގެނައުމުން އޭނާ ވޯޓު ދެއްވީ ބިލާ ދެކޮޅަށެވެ. ބިލް ހުށަހެޅުއްވީ ޝަރީފު ނަމަވެސް ބިލަށް ތާއިދު ކުރައްވައި، ފާސްކުރެއްވީ ޕީޕީއެމްގެ މެމްބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ވޯޓުން ފާސްކުރި މި ބިލަށް، އިދިކޮޅު މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ ހަމައެކަނި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކެވެ. މި ބިލަށް އެމްޑީޕީ އާއި ޖޭޕީން ތާއިދެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ