އޭއެފްސީ ޗެލެންޖު ކަޕުގައި ވާދަކުރާ ދިވެހި ގައުމީ ޓީމަށް ހިތްވަރު ދެއްވުމުގެ ގޮތުން ވިލާ ގްރޫޕުގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގައުމީ ޓީމަށް ދެއްވަން ވައުދުވެވަޑައިގެންނެވި ފަސް ލައްކަ ރުފިޔާ މިރޭ ޓީމާއި ހަވާލުކުރައްވައިފި އެވެ.
ގައުމީ ޓިމްގެ ކުޅުންތެރިން ޗެލެންޖު ކަޕުގެ ދުވަސްވަރު ކޭމްޕް ކޮށްގެންތިބި ޓްރޭޑާސް ހޮޓަލުގައި މިރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ގާސިމް އިބްރާހިމް ދިވެހި ގައުމީ ޓީމަށް ހަދިޔާކުރެއްވި ފަސް ލައްކަ ރުފިޔާގެ ޗެކާއި ހަވާލުވެވަޑައިގެންފައިވަނީ އެފްއޭއެެމުގެ ރައީސް އިލްހާމް އަހުމަދެވެ.
މިރަސްމިއްޔާތަށްފަހު ވާހަކަފުޅުދައްކަވަމުން އެފްއޭއެމުގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވީ ގާސިމް އިބްރާހިމް ގައުމީ ޓީމަށް ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ގާސިމް މިސާލަކަށް ނަންގަވައިގެން ދިވެހި އެހެން ވިޔަފާރިވެރިން ވެސް މިއީ ގައުމީ މަސައްކަތެއް ގޮތުގައި ދެކެ ޓީމަށް ހިތްވަރު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގާސިމް ދެއްވި ފަސް ލައްކަ ރުފިޔާގެ ޗެކް ދިވެހި ޓީމުގެ ކުޅުންތެރިންނަށް އަމާނާތްތެރިކަމާއެކު ހަވާލުކޮށްދެއްވާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވަނީ ދިވެހި ކުޅުންތެރިން ޗެލެންޖު ކަޕުގައި ދައްކާ ކުޅުމާމެދު ހިތްހަމަޖެހުން ފާޅުކުރައްވައި ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާފަ އެވެ. އަދި ފަސް ލައްކަ ރުފިޔާ ގައުމީ ޓީމާއި ހަވާލުކުރެއްވީ ޓީމަށް އިތުރު ހިތްވަރެއް ދެއްވުމުގެ ގޮތުން ކަމަށާއި ޗެލެންޖު ކަޕް އިރާދަކުރެއްވިއްޔާ ރާއްޖެއިން ކާމިޔާބުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ޓްރޭޑާސް ހޮޓަލުގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ގައުމީ ޓީމްގެ ކޯޗާއި އޮފިޝަލުންގެ އިތުރުން ހުރިހާ ކުޅުންތެރިން ވަނީ ބައިވެރިވި އެވެ. އަދި އެ ކުޅުންތެރިން ވަނީ ގާސިމް ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ޗެލެންޖު ކަޕުގައި ރާއްޖެ ވަނީ މުބާރާތުގެ ސެމީފައިނަލާއި ހިާބަށް ދަތުރުކޮށްފައެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ސެމީފައިނަލުގެ ދެވަނަ މެޗުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމް ކަމަށްވާ ފިލިޕީންސް އާއި ދެކޮޅަށެވެ.
ގައުމީ ޓީމަށް ގާސިމް 500،000 ރުފިޔާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ