އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމާއި ގުޅިގެން އެމައްސަލަ އިސްތިއުނާފް ކޮށްފައިވާތީ އިސްތިއުނާފު މަރުހަލާ ނިމެންދެން ޖާބިރު މިނިވަން ކުރުމަށް އެދުނު ނަމަވެސް އެގޮތަށް އެކަންކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.
މިފަދަ އަމުރަކަށް ޖާބިރުގެ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލައިގައި އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ. އަދި ޖާބިރު އެދިފައިވާ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމީ ވެސް އިއްޔެ ބޭއްވުނު އަޑުއެހުމަށްފަހު ކަމަށް އެނގިފައިވެ އެވެ.
ހައިކޯޓުގައި މައްސަލަ ހިނގަމުންދާއިރު ޖަލު ހުކުމްގައި ހުންނަ މީހާ ވަގުތީގޮތުން ޖަލުން ދޫކޮށްލުމަކީ ހައިކޯޓަށް ލިބިގެންވާ ގާނޫނީ ބާރެއް ނަމަވެސް ހައިކޯޓުން އޭބާރު އާންމުކޮށް ބޭނުންކޮށް ނުހަދަ އެވެ.
ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ ހދ. ހޮނޑައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށުން މަސްތުވަތާކެތި އަތުލައިގަނެވުމާއެކު ކުޑަ ކަމުދާ އެއްޗެހި ދިނުމަށް ޖާބިރަށް އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލައިގަ އެވެ.
އިއްޔެގެ އަޑުއެހުމުގައި ޖާބިރުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާނައިބު ދިޔާނާ ސައީދު ވެސް ވާހަކަދައްކާފައިވެ އެވެ.
ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކުރުމުން އޭނާގެ ހުކުމް ތަންފީޒުކުރުމަށް އެންމެ ފުރަތަމަ ގެންދެވުނީ މާފުށީ ޖަލަށް ނަމަވެސް މިހާރު ޖާބިރު ހުންނެވީ މާލޭ ޖަލުގަ އެވެ.
ޖާބިރުގެ މައްްޗަށް ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ ވެސް ދައުލަތުން އުފުލި އެވެ. ނަމަވެސް އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޖާބިރު ޖަލު ހުކުމް ތަންފީޒުކުރަމުންދާއިރު އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކާށިދޫ ދާއިރާއަށް ކުރިމަތިލައްވާފަ އެވެ. ޖާބިރު ވަގުތީ އަމުރެއްގެ ދަށުން ޖަލުން މިނިވަންކުރުމަށް އެދިވަޑައިގަތީ ވެސް އިންތިހާބު ކުރުމުގެ ފުރުސަތު އޭނާއަށް ލިބިފައި ނުވާތީ އެފުރުސަތު ހޯދުމަށެވެ.
ޖާބިރު މިނިވަން ކުރެވެން ނެތް ކަމަށް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ