ސުޕްރީމް ކޯޓުން ބަޔާން ނެރުނީ ސަރުކާރާ ދެކޮޅު ފަރާތްތަކަށް ބިރު ދެއްކުމުގެ މަގްސަދުގައި ކަމަށް ބެލެވޭ: އެމްޑީޕީ

ސުޕްރީމު ކޯޓަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ގާނޫނީ ވެރިކަން ނަގަހައްޓާނެ ކަމަށް ބުނެ އިއްޔެ އެ ކޯޓުން ބަޔާނެއް ނެރުނީ ސަރުކާރާ ހިޔާލު ތަފާތުވާ ފަރާތްތަކަށް ބިރު ދެއްކުމުގެ މަގްސަދުގައި ކަން ދޭހަވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ. ސުޕްރީމު ކޯޓުގެ ބަޔާނާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ އެންމެ މަތީ ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށާއި ސިޔާސީ މަގްސަދެއް ހާސިލް ކުރަން ބަޔާނެއް ނެރޭ ހިސާބަށް ދިޔުމަކީ ދިވެހި ދައުލަތަށް ކުރިމަތިވެފައިވާ ބިރެއް ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށާއި ފަރުދުންނާއި ހައްގުތައް ހިމާޔަތްކުރުމަށާއި ރާއްޖޭގައި އަމާންކަމާއި ސުލްހަވެރިކަން ގާއިމްކޮށްވެފައި އޮތުން ކަށަވަރު ކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ވެރިކަން ނަގަހައްޓާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި އަމާންކަން ގާއިމްވެފައި އޮތުން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދޭ ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ބަޔާން ނެރުނީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ލޯންޗުގައި ބާރުގަދަ ގޮވުމެއް ގޮވި ހާދިސާ އަށް ފަހު އެވެ.އެމްޑީޕީން ސިފަކުރީ އެއީ ހަރުކަށި ބަޔާނެއްގެ ގޮތުގަ އެވެ. އެމްޑީޕީން ބޭއްވި ހިނގާލުމެއްގައި އެ ޕާޓީގެ އިސް ވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ: ސުޕްރީމު ކޯޓުގެ ބަޔާނާ މެދު އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި "އަދުލު އިންސާފުގެ ބާރު، ވެރިކަން ހިންގާ ބާރާ މަސްހުނި ވެފައިވުމަކީ ރައްޔިތުންގެ އިތުބާރު މުޅި ޝަރުއީ ދާއިރާއަށް ގެއްލިގެން ދާނެ ކަމެކެވެ. އެހެންވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިފަދަ ކަންކަމުން ދުރުވެ، ގައުމަށް ކުރިމަތިވެފައިވާ ޢަދުލު އިންސާފުގެ ދާއިރާގެ ގޮންޖެހުންތައް ހައްލުކުރެއްވުމަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ