ކައުންސިލް އިންތިޚާބު ނިމުނީއެވެ. ވެރިކަންކުރާ ޕީޕީއެމްގެ ކޯލިޝަނަށް "ހިތްހަމަޖެހޭ ވަރުގެ ކާމިޔާބެއް އިންތިޚާބުގައި ލިބުނު" ކަމަށް އިއުލާން ކުރި ނަމަވެސް ހަޤީޤަތުގައި އެއީ ހިތްހަމަޖެހޭ ވަރުގެ ކާމިޔާބެއް ނޫނެވެ. ބައެއް ދާއިރާތަކުން ހައިރާން ކުރަނިވި ނަތީޖާއެއް ނިކުތް އިރު އާބާދީ ބޮޑެތި ތަންތަނުގެ ކޮންޓްރޯލް ކުރިން ވެސް އެމްޑީޕީ އިން ދަމަހައްޓަމުން އައި ގޮތައް މިފަހަރު ވެސް ދަމަހައްޓައިފިއެވެ. އެހެންކަމުން ޕީޕީއެމް އަށް މިހާރު ކުރަން ޖެހިފައި މިއޮތް ސުވާލަކީ މިހެން މިދިމާވީ ކީއްވެ ހެއްޔެވެ؟
ޕީޕީއެމްގެ ޕީޖީ ގްރޫޕަކީ އެޕާޓީގެ އެންމެ މުހިންމު އެއްގުނަވަނެވެ. އެންމެ ހަރަކާތްތެރި ވެވެން ވެސް އޮތް ގުނަވަނެވެ. އެންމެ ބާރުގަދަ ވެސް ގުނަވަނެވެ. އެހެންކަމުން ޕީޖީ ގްރޫޕްގެ މަސައްކަތް އިންތިޚާބުތައް ކާމިޔާބު ކުރުމުގައި ވެސް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ވެސް ވަރަށް ބޮޑެވެ.
ކަންތައް އޮތީ މިހެން ކަމަށް ވީނަމަވެސް ނިމިގެން ދިޔަ ކައުންސިލް އިންތިޚާބުގައި ބައެއް މެންބަރުންގެ ފަރާތުން ފެނުނީ އެކަށީގެންވާ މަސައްކަތްތަކެއް ނޫނެވެ. 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެބޭފުޅުންގެ ވިސްނުންފުޅުގައި ބަހައްޓަވައިގެން މަސައްކަތް ކުރެއްވުމުގެ ނަތީޖާ އަކަށް ވެފައި މިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނާންނަނީސް 2017 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު ގެއްލުމެވެ.
ކައުންސިލް އިންތިޚާބުގައި ވެސް ޕީޕީއެމް މަޖިލިސް މެންބަރުންގެ ބާރު ކިތަންމެ ރަނގަޅަކަށް ވެސް ފެނުނެވެ. ބައެއް މެންބަރުންގެ ދާއިރާތަކުން ކައުންސިލް އިންތިޚާބަށް ނިކުންނެވި އެބޭފުޅުންގެ ގާތް ބޭފުޅުންނަށް ޓިކެޓަކާއި ނުލާ ތަބަކަކަށް ލާފައި ޕާޓީގެ ޓިކެޓް ދިނެވެ. ޕްރައިމަރީ ނުބާއްވާ ޕާޓީގެ ޓިކެޓް ދިނުމަކީ ފެއިލް ވެފައިވާ ނިޒާމެކެވެ. ނަމަވެސް މީގެ ކުރިން ދިމާވި މައްސަލަތަކުން މިފަހަރު ވެސް އިބުރަތް ހާސިލްކުރި މަންޒަރެއް ނުފެނުނެވެ.
ބައެއް މެންބަރުން ވަނީ މާކުރިން ފެށިގެން އެބޭފުޅުންގެ ދާއިރާ އިން ކައުންސިލް އިންތިޚާބަށް ނެރޭނެ ބޭފުޅުން ފައިނަލް ކުރައްވާ އެބޭފުޅުންނަށް ޓިކެޓް ހޯއްދަވައިދެއްވަން މަސައްކަތް ފައްޓަވާފައެވެ. އެހެންކަމުން ބައެއް ދާއިރާތަކަށް ނިކުންނަށް ކުރިން ނިންމަވައިގެން ތިއްބެވި ބޭފުޅުން ވެސް ފަހަތައް ޖެހިވަޑައިގެންނެވިއެވެ.
ދެން ނިކުތް އަނެއް މައްސަލަ އަކީ އިންތިޚާބު ކައިރިވެ އެންމެ ހުތޫރަތްތެރި ވަގުތުގައި ވެސް ޕީޕީއެމް އަށް އިހްލާސްތެރި ބައެއް މީހުން ވަޒީފާތަކުން ވަކިކޮށް ގެއަށް ފޮނުވާލުމެވެ. ޑީއާރްޕީ އުފެދުނު ދުވަހުން ފެށިގެން ކުރިމަތިވި ކޮންމެ ކަމެއްގައި ރައީސް ޔާމީންގެ ފަހަތުގައި ތިއްބެވި ބޭފުޅުންނަކީ "އިހްލާސްތެރިންކަމަށް" ގަބޫލުކުރަން ދަތިވެ އެބޭފުޅުން ގެއަށް ފޮނުވާލުމަކީ އެންމެ ރަނގަޅަށް ކުރި ކަމެއް ނޫނެވެ. ޕީޕީއެމްގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އާއި ރައީސް ޔާމީންގެ ދެމެދުގައި އުފެދުނު ކޯޅުމަށް ފަހު ވެސް ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރައިވަޑައިގެންނެވި ބޭފުޅުންގެ އިހްލާސްތެރިކަން ކިރާލީ ބައެއް މެންބަރުން ކުރި "މެސެޖަކަށް" ބަލާފައެވެ. އެއީ ގޯސްކޮށް ކުރިކަމެކެވެ.
އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޕީޕީއެމްގެ އިހްލާސްތެރިންނަށް ނޫނީ ޕީޕީއެމްގެ މެންބަރުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް ވުރެ ބޮޑަށް ފެނުނީ އެމްޑީޕީ މެންބަރުން ޕީޕީއެމްއަށް ގެނެސް އެމީހުންނަށް ވަޒީފާތައް ވެސް ހަމަޖައްސައިދޭން މަސައްކަތް ކުރި ތަނެވެ. ނަމަވެސް އެކަމުގެ ސަބަބުން ލިބުނު ފައިދާއެއް ނުފެނުނެވެ. ލިބުނީ ގެއްލުމެވެ.
ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން އިންތިޚާބަށް ނިކުތް ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެގުޅުން ކުރިއަށް ގެންދެވުނު ތަނެއް ނުފެނުނެވެ. ހާއްސަކޮށް ނ.އަތޮޅުގެ ބައެއް ގޮނޑިތައް ސަރުކާރު ކޯލިޝަނަށް ގެއްލިގެން ދިޔައީ އެމްޑީއޭ މެންބަރުން ނިކުތް ދާއިރާތަކަށް ޕީޕީއެމްގެ މެންބަރުން އަމިއްލަ ގޮތުން ނިކުތުމުންނެވެ.
މިސާލަކަށް ނ.އަތޮޅު ވެލިދޫ ފުދޭނެއެވެ. އެރަށުގެ ކައުންސިލާއި އެދާއިރާގެ އަތޮޅު ކައުންސިލްގެ ގޮނޑި ޕީޕީއެމް އަށް ގެއްލުނީ ޕީޕީއެމްގެ މެންބަރުން އަމިއްލަ ގޮތުން އިންތިޚާބަށް ނިކުތުމުންނެވެ. މިކަން ހުއްޓުވުމަށް ޕާޓީ އަށް ކުރެވުނު ކަމެއް ނެތެވެ.
ދެން ފެނުނީ ކެމްޕޭންގައި އެންމެ އިސްނަގަންވަން ޖެހޭ މެންބަރުންގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނުތަކެވެ. ހައެއްކަ މެންބަރުން ވަރަށް ބުރަކޮށް ކެމްޕޭންގައި މަސައްކަތް ކުރެއްވިއެވެ. ބައެއް ވަޒީރުން ވަރަށް ގިނަ ދަތުރުތައް ކުރެއްވެވިއެވެ. އަދި ނަތީޖާ ވެސް ދެއްކެވިއެވެ. ނަމަވެސް ހުރިހާ މެންބަރުން ފަސްވަނަ ގިއަރުގައި މަސައްކަތް ކުރެއްވިނަމަ އިންތިޚާބުގެ ނަތީޖާ ބަދަލުވީސްކަން ޔަގީނެވެ.
އިންތިޚާބަކީ ސިޔާސީ ކުޅިވަރެކެވެ. އެހެންކަމުން މިކުޅިވަރުން ކާމިޔާބު ހޯދަން ބޭނުންނަމަ ޖެހޭނީ ސިޔާސީ ކުޅި ކުޅޭށެވެ. އެނޫން ގޮތަކަށް އިންތިޚާބެއް ކާމިޔާބެއް ނުވާނެއެވެ.
ކައުންސިލް އިންތިޚާބު ނާކާމިޔާބުވީ ސިޔާސީ ގޭމް ޕްލޭން އެކަށީގެންވާ ގޮތެއްގައި ރާވާލެވިފައި ނެތުމުންނެވެ. އެގޭމް ކުޅެން އެރި ކުޅުންތެރިން ލައްވައި ކުޅުވަން ތިއްބެވި ބޭފުޅުންނަށް އެކަށީގެންވާ އިރުޝާދުތައް ފޯރުކޮށް ނުދެވުމުންނެވެ. އެކަށީގެންވާ ގޮތެއްގައި ކެމްޕޭން ނުކުރެވުމުންނެވެ.
ދެން ވިސްނަން ޖެހިފައި މިއޮތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށެވެ. ފާއިތުވި ތަނުން އިބުރަތް ހާސިލް ކުރަން ޖެހޭ ވަގުތު މިއޮތީ ޖެހިފައެވެ.
މެންބަރުންނަކީ ކިތަންމެ ނުފޫޒު ގަދަ ބޭފުޅުން ކަމަށްވީނަމަވެސް އެބޭފުޅުން ބޭނުންވާ ގޮތައް ހުރިހާ ކަމެއް ނިންމަން ފަށައިފިނަމަ ނަތީޖާ ރަނގަޅު ނުވާނެކަން ގަބޫލުކޮށް ޕީޕީއެމްގެ ގޭމްޕްލޭން މިވަނީ ބަދަލު ކުރަން ޖެހިފައެވެ.
ބަޔަކު ވަޒީފާ އިން ވަކިކޮށް، ނުވަތަ ވަޒީފާ ދޭއިރު އެއީ މަޖިލިސް މެންބަރުން ހަމައެކަނި ކޮށްލާ ވައިބާ މެސެޖެއްގެ މައްޗަށް ބުރަވެ ނިންމާ ނިންމުމަކަށް ހަދައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެއީ ޒަމާނުއްސުރެ ޕީޕީއެމްގައި ތިބި ޕީޕީއެމް ދެކެ ލޯބިވާ އާންމު މެންބަރުންގެ ބަހާއި އެބޭފުޅުންގެ ޚިޔާލު ވެސް ހޯދައިގެން ނިންމާ ނިންމުމަކަށް ވާން ޖެހޭނެއެވެ. "އަޑުގަދަ ކޮންމެ މެންބަރެއްގެ ރުއް ގިނަ ނުވާނެ" ކަން ގަބޫލު ކުރަން އެބަޖެހެއެވެ. މެންބަރުންނަށް ވެސް އާރާއި، ބާރާއި، ނުފޫޒު އޮންނަން ވާނީ ވަކި މިންވަރެއްގައެވެ.
މިހާރަށް ވުރެ ބޮޑަށް ޕާޓީގެ އާންމު މެންބަރުންނާއި ގުޅުން ބަދަހިކޮށް އާންމު މެންބަރުން ބޭނުންވާ ގޮތައް ކަންކަން ރާވައިގެން ނޫން ގޮތަކަށް 2018 ވެސް އަދި 2019 ވެސް ހޯދުން ވާނީ އުނދަގޫ ކަމަކަށެވެ.
2019 އަށް ދަހިވެތި ވުމުން 2018 ނާންނަނީސް 2017 ގެއްލިއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ