ޔުނެސްކޯގައި ރާއްޖެ އިން ވޯޓު ނުދިނުމުން ޝޮކެއް ލިބުނު ކަމަށް ފަލަސްތީންގެ ރައީސް ވިދާޅުވި: މައުމޫން

އދ. ގެ ތައުލީމާއި ސައިންސް އަދި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ) އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް އޮކްޓޫބަރު ،31 2011 ގައި ނެގި ވޯޓުގައި ރާއްޖެ އިން ބައިވެރި ނުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު "ޝޮކެއް" ކަމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި އައްބާސްއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް ޔުނެސްކޯ އިން ނެގި ވޯޓުގައި ރާއްޖެ އިން ބައިވެރި ނުވުމުން އެކަމާ ކަންބޮޑުވެ ވަޑައިގެން މަހުމޫދު އައްބާސް ވާހަކަފުޅު ދެއްކެވި ކަމަށާއި އެކަމާ "ލަދުގަންނަން" ޖެހޭ ކަމަށެވެ.
"ޔުނެސްކޯ ޖަލްސާގައި ދިވެހިރާއްޖެ އިން ވޯޓު ނުދިންކަން އެ ބޭފުޅުން ]ފަލަސްތީނު ވަފުދު[ ދެންމެ ފާހަގަކުރެއްވި. އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށް. ރާއްޖެ ދުވަހަކު ވެސް މީގެ ކުރިން އެ ކަހަލަ ކަމެއް ނުކުރެއޭ. އަބަދުވެސް ފަލަސްތީނަށް ތާއީދުކޮށްފައޭ އޮތީ. އެކަމަކު އެންމެ ފަހުން ޔުނެސްކޯ ޖަލްސާގައި ވޯޓު ދޭން އައި ވަގުތު ދިވެހި ވަފުދު ވީ ތަނެއް ވެސް ނޭނގުނޭ. ތިމަންނަމެންނަށް ވީ ވަރަށް ބޮޑު ޝޮކަކަށޭ ވިދާޅުވި. ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނޭ،" ފަލަސްތީނުގެ ވަފުދާ ހަވާލާ ދެއްވައި މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް ލަދުގަތް އެކަހަލަ ވާހަކައެއް ވިދާޅުވި އަޑު އިވުނީމަ. ދިވެހިރާއްޖެ އެ ކަހަލަ ކަމެއް ކޮށްގެނެއް ނުވާނެ. އަޅުގަނޑުމެން ދެންނެވިން އެ ކަންތައް އެ ކުރީ ބޭރުގެ ނުފޫޒު ރާއްޖޭގައި އޭރު އޮތް ސަރުކާރަށް ވެރިވެފައި އޮތްލެއް ބޮޑުކަމުންނޭ. އެހެން ނަމަވެސް ދެން އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެއޭ."މައުމޫނާއި އައްބާސް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.
މައުމޫން ވިދާޅުވީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ތިން އަހަރުވީ ސަރުކާރުން އިޒްރޭލާ އެކު ގާތްގުޅުމެއް ބާއްވަމުން ގެންދިއުމުން ފަލަސްތީނުން ކަންބޮޑުވި ކަމަށެވެ. އަދި އެއީ ރާއްޖެ އާއި ފަލަސްތީނުގެ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެ ބޭފުޅުން ]ފަލަސްތީނު[ ބޭނުމެއް ނުވޭ ދިވެހި ސަރުކާރުން އެ ކަހަލަ ކަމެއް ކުރާކަށެއް. އެއީ ހާއްސަކޮށް ފަލަސްތީނަކީ އަދިވެސް ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ފުރިހަމަ އަށް ލިބިފައި ނުވާ ގައުމެއް. އަދި އެ ކަމަށް ހުރަސްއަޅާ ބަޔަކީ އިޒްރޭލު ސަރުކާރު. އެހެންވީމަ އެ ކަހަލަ ބަޔަކާ ދޭތެރޭގައި ދިވެހި ސަރުކާރުން ގުޅުން ގާއިމްކުރުމަކީ އެ ބޭފުޅުން ]ފަލަސްތީނު[ އެއްގޮތަކަށް ވެސް ބޭނުންފުޅުވާ އަދި އެދިވަޑައިގަންނަވާ ކަމެއް ނޫން. އަދި ދިވެހި ރައްޔިތުން ވެސް ބޭނުންވާނެ ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ފަލަސްތީނުގެ އެމްބަސީއެއް ރާއްޖޭގައި އަލުން ގާއިމްކުރުމަށް އެ ގައުމުގެ ސަރުކާރުން ބޭނުންވާ ކަމަށް އައްބާސްއާ އެކު ބޭއްވެވި ބައްދަލުވުމުން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ޖޮއިންޓް މިނިސްޓީރިއަލް ކޮމިޝަނެއް ގާއިމްކުރުމަށް ދިވެހި ސަރުކާރާއި ފަލަސްތީނު ސަރުކާރާ ދެމެދު ވާހަކަ ދެކެވިފައިވާ ކަމަށް ފަލަސްތީނުގެ ރައީސް ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އޭރުން ދަނޑުވެރިކަމުގެ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި އަދި އެ ނޫނަސް ދެ ގައުމަށް ފައިދާހުރި ދާއިރާތަކުގައި ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާނެ ކަމަށް އެ ބޭފުޅުން އުންމީދުކުރައްވާ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށެވެ. އަދި ފަލަސްތީނުގެ ވެރިރަށަކީ ގުދުސް ކަމަށް ހެދުމަށް ތާއީދުކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ މިއަދު އައްބާސްއާ ބައްދަލުކުރައްވައިފަ އެވެ. ޝާހިދާއި އައްބާސް މިއަދު ކުރުނބާ މޯލްޑިވްސްގައި ބައްދަލުކުރެއްވުން.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެ އިން އަބަދުވެސް ފަލަސްތީނާ އެކު އެއްބައިވަންތަ ކަމުގެ ރޫހެއްގައި މަސައްކަތްކުރަމުންދާ ކަމަށް ދެންނެވި ކަމަށެވެ. އަދި ދިވެހިންނަކީ މުސްލިމުން ކަމަށް ވާތީ ދިވެހިންގެ ހިތުގައި ވަރަށް ބޮޑު ގާތް ކަމެއް ފަލަސްތީނާ މެދި އޮންނާނެ ކަމަށް ވެސް ދެންނެވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ރާއްޖޭގެ ކުދި ބޮޑު އެންމެން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާކުރުން މަތީ ތިބޭނެ ވާހަކަ އަޅުގަނޑު ދެންނެވިން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ރައީސްގެ ދަތުރުފުޅުގެ ސަބަބުން އެ ގައުމުގެ މައްސަލަ ދިވެހިންނަށް އިތުރަށް ސާފުވެ ދިވެހިންގެ ހިތުގައި އެ ގައުމުގެ ރައްޔިތުންނާ މެދު އޮންނަ ގާތްކަން އިތުރަށް ބަދަހިވާނެ ކަމަށެވެ.
އައްބާސް ރާއްޖެ ވަޑައިގަތީ މިއަދު އެވެ. އަދި ފުރާ ވަޑައިގަންނަވާނީ މާދަމާ މެންދުރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ