މެމްބަރު އައްސަދާއި ރޮޒެއިނާގެ ހޫނު ޒުވާބެއް

ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު އައްސަދާއި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމްއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ބަދަލުކޮށްފި އެވެ.
އައްސަދާއި ރޮޒެއިނާގެ މެދުގައި ހޫނު ޒުވާބެއް ހިނގީ، ރާއްޖޭގައި ހަލުވިކަމާ އެކު ފެތެރުނު އެޗް1އެން1ގެ ކަންކަން ބަލާ ޓާސްކް ފޯސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީ އަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ބޭއްވި ބައްދަލުވުމުގަ އެވެ.
މަޖިލީހަށް ހާޒިރުވާން ޖެހޭ ބަޔަކު ނަމަ، ފެންނަނީ އުޒުރު ދައްކަން މަސައްކަތް ކުރާ ތަން ކަމަށާއި މަޖިލީހުގެ ތެރެއިން ކަންކަން ކުރެވެން ނެތް ކަމަށް ވިދާޅުވެ ރޮޒެއިނާ ވާހަކަ ދެއްކެވުމާ އެކު، އައްސަދު އޭނާ އަށް ރައްދު ދޭން ފެއްޓެވި އެވެ. އައްސަދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ "ބޭކާރު ވާހަކަ" ދައްކައި ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ކަމަށެވެ.
ގާނޫނުއަސާސީގައި ކޮންމެ މެމްބަރަކަށް، އެ މެމްބަރަކު ބޭނުންވާ ގޮތަށް މިނިވަންކަމާއެކު ވޯޓު ދެއްވުމުގެ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވެ، ރޮޒެއިނާ ވަނީ އައްސަދަށް ރައްދު ދެއްވައިފަ އެވެ.
ކޮމެޓީ ބައްދަލުވުމަށްފަހު މެމްބަރު އައްސަދު ވާހަކަ ދައްކަވަނީ: ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުން ހޫނުވެގެން ދިޔަ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މީދޫ ދާއިރާގެ ރައްޔިތުން ރޮޒެއިނާ ހޮވާފައި ހުރީ ކަމަކު ނޫންތޯ ކަމަށް ވިދާޅުވެ އައްސަދު ސުވާލު ކުރެއްވުމުން، ރޮޒެއިނާ ވިދާޅުވީ "އަޅުގަނޑު ހޮވި ދާއިރާގެ މީހުން ބަޖެޓަށް ވޯޓު ދިނުމަށް ނާންގާ" ކަމަށެވެ. އަދި އޭނާ ބޭނުން ގޮތަކަށް ވޯޓު ދެއްވުމަކީ އަމިއްލަ ކަމެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"މެމްބަރުން މަޖިލީހަށް އިންތިހާބުކޮށްފައި ވަނީ ސަރުކާރު ޖަވާބުދާރީ ކުރަން އެންމެ މުހިންމު ކަމެއްގެ ގޮތުގައި. އެ ވާހަކަ ދައްކާއިރަށް، ވޯޓު ދޭ ގޮތާއި އަނެއް ކަމެއްގެ ވާހަކަ ދައްކަނީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހަށް އިންތިހާބުކުރީ ސަރުކާރުން "ޖަހާހާ ބެރަކަށް ނަށަންތޯ" ރޮޒެއިނާ ސުވާލު ކުރެއްވި އެވެ. ނަމަވެސް އެ ވާހަކަތަކަށް އައްސަދު ރައްދެއް ނުދެއްވަ އެވެ.
"ދާއިރާގެ ރައްޔިތުން [ރޮޒެއިނާގެ] ބޮލަށް އަރައޭ. ދާއިރާގެ ރައްޔިތުން އައްޔަން ކުރީ ތަރައްގީ އަށް މަސައްކަތް ކުރަން. ތަރައްގީގެ ކަންކަމުގައި ރޮޒެއިނާ މެން ބައިވެރިއެއް ނުވޭ،" ރޮޒެއިނާ އަށް އަމާޒުކޮށް އައްސަދު ވިދާޅުވި އެވެ.
"ތަރައްގީގައި ބައިވެރިނުވާ މީހަކަށް ކޮން ތަރައްގީއެއް އޮންނާނީ؟."
އޭގެ ޖަވާބުގައި ރޮޒެއިނާ ވަނީ "ތަރައްގީ އެއް ނެތޭ އަޅުގަނޑުމެންގެ ބަޖެޓަކު،" ކަމަށް ވިދާޅުވެ އައްސަދަށް ރައްދު ދެއްވައިފަ އެވެ.
ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ރޮޒެއިނާ ވާހަކަ ދައްކަވަނީ: ރޮޒެއިނާ ވަނީ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުން މަސައްކަތް ކުރައްވަނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށަންތޯ ސުވާލު ކުރައްވާފައި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އައްސަދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ރެއާއި ދުވާލު މަސައްކަތް ކުރައްވަނީ "ލަންޑަންގައި ހުންނެވި" ބޭފުޅަކު ދިފާއު ކުރެއްވުމަށް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެކަމަކު ރޮޒެއިނާ ވިދާޅުވީ ވަކި މީހަކު ދިފާއުކޮށް "މިތަނުގައި ވާހަކަ ނުދައްކާ" ކަމަށެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަން ލިބިލެއްވި ފުރުސަތުގައި އައްސަދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަމެއް ލިބުނީމަ ވެރިކަމުން "ފުންމާލީ" ކަމަށެވެ. އެމްޑީޕީ އަށް ވެރިކަން ކުރުމުގެ ފުރުސަތެއް ދެން ނެތް ކަމަށާއި އޮތީ ހަމައެކަނި ކެތްކޮށްލައިގެން ތިބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ ތިޔަބޭފުޅުން ކެއްކޮށްގެން ރީއްޗަށް ތިބޭށޭ" އައްސަދު ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ރަނގަޅު ބައެއް ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ބައެއް ކަންތައްތައް ގޯސްކޮށް ވެސް ސަރުކާރުން ކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ދަންނަވާނަމަ، މިކަން [ސްވައިން ފްލޫގެ] ފާހަގަނުކޮށް އޮއްބާލައިގެން އުޅެނިކޮށް އެ ވާހަކަ ދެއްކި ސޯޝަލް މީޑިއާގައި އުޅޭ މީހަކު ޖަލަށްލީމަ އެ ގޯސް،" ރޮޒެއިނާ ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމެޓީގައި މަޝްވަރާކޮށްފައި ވަނީ އެޗް1އެން1ގެ ކަންކަން ބަލާ ޓާސްކް ފޯސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރުމާ ގުޅޭގޮތުންނެވެ. އެ ގޮތުން މިރޭ 8:30 ގައި އޮންނަ ބައްދަލުވުމަށް ޓާސްކް ފޯސް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ. މިއީ ޓާސްކް ފޯސް މަޖިލިހުގެ ކަމާއި ގުޅޭ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމި ދެވަނަ ފަހަރެވެ. މީގެ ކުރިން ކޮމެޓީ އަށް ހާޒިރުވާން އެންގުމުން ޓާސްކް ފޯހުން އެންގީ ހާޒިރުވާން ދަތިވާތީ އެހެން ދުވަހަކަށް ބައްދަލުވުން ބާއްވައި ދިނުމަށެވެ.
ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިމުނު ފަހުން އިދިކޮޅު ބައެއް މެމްބަރުންނާއި އައްސަދާ މެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެއްވި އެވެ. ރޮޒެއިނާ ވިދާޅުވީ ހުރިހާ ފަރާތްތަކަށް ފަސޭހަ ގަޑިއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މަޖިލީހުން ހާޒިރުވާން އަންގައިފިނަމަ، އެ ބަޔަކު ހާޒިރުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ