ސީރިއާ އަށް ދިޔަ ބޮޑު ދިވެހި ގްރޫޕަކާ އެކު އަހަރު ނުވާ ކުއްޖަކު ވެސް ގެންގޮސްފި

ސީރިއާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދިޔަ ދިވެހިންގެ ގްރޫޕަކާ އެކު، ތުއްތު ކުއްޖަކު ވެސް ސީރިއާ އަށް ގެންގޮސްފި އެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ 27 ގައި ތުރުކީ މަގުން ސީރިއާ އަށް އެތެރެވި ފަސް މީހުންގެ މި ގްރޫޕުގެ އެކަކު ދިޔައީ އޭނާގެ އަންހެނުންނާއި އެއް އަހަރު ނުވާ ދަރިފުޅު ގޮވައިގެންނެވެ. އަދި އެހެން މީހަކު ވެސް އޭނާގެ އަންހެނުން ގެންދިޔަ ކަމަަށްވެ އެވެ.
އެހެން ނަމަވެސް، މިކަމާ ގުޅޭ އިތުރު މައުލޫމާތު އަދި ސާފެއް ނުވެ އެވެ.
ޖިހާދު ކުރުމުގެ ނަމުގައި ސީރިއާ އަށް ދިވެހިން ދާ މައްސަލަ ބޮޑުވެފައިވާ އިރު، ސީރިއާ އަށް ދާން އުޅުނު ދިވެހި އަންހެނަކާއި ދެ ފިރިހެނުން ސްރީ ލަންކާގައި ތިއްބައި މިދިޔަ ނޮވެމްބަރު ފުލުހުން ވަނީ އަތުލައިގަނެ، އެ މީހުން ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށްފަ އެވެ. މީގެ އިތުރުން، ރ. މީދޫ ތިން މީހަކާއި ފުވައްމުލަކު ދެމަފިރިއަކު ވެސް ވަނީ "ޖިހާދަށް" ކަމަށް ބުނެ ދާދި ފަހުން ރާއްޖޭން ބޭރަށް ފުރާފަ އެވެ.
ސީރިއާގައި ހަރަކާތްތެރިވާ ދިވެހިން އުޅެނީ އަލްގައިދާއާ ގުޅުން އޮންނަ ޖަބްހަތުއް ނުސްރާ ގްރޫޕުގަ އެވެ. މީގެ ތެރޭން މިހާތަނަށް ހަތަރު ވަރަކަށް ދިވެހިން މަރުވެފައިވާ ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ