ޖުމްހޫރީ ގުޅުމުގެ ތެރޭގައި އެމްޑީޕީއާ ފިކުރު ދިމާވާ ފަރާތްތައް އެބަ ތިބި ކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ފަހަތަށް ހިނގައްޖެ ނަމަ ޖުމްހޫރީ ގުޅުމުގެ ގާތްގަނޑަކަށް 60 ޕަސެންޓް މީހުން ޔާމީނަށް ވޯޓު ނުދޭނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޔާމީންގެ ފަހަތަށް ވަޑައިގަތުމަށް ވުރެ އޭނާގެ ފަހަތަށް ޔާމީން ވަޑައިގެންފި ނަމަ ރައީސްކަން ހޯދުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށާއި އެއީ އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތައީދުކުރާ ފިކުރަކާއި ތާއީދުނުކުރާ ފިކުރު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ނަޝީދަށް ތާއީދުނުކުރާ ފަރާތްތައް ކޮންމެ ކެންޑިޑޭޓަކަށް ވެސް ވޯޓު ދީފާނެ ކަމަށް ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީގައި މި ތިބި އެންމެންނަކީ މުޅިން އެންޓި އެމްޑީޕީ މީހުންނެއް ނޫން. އެކަމަކު ރައީސް ނަޝީދަށް ތާއީދުކުރާ ބަޔަކު ވެސް ނޫނީ އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ. ތައީދުކުރާ ބައެކޭ މި ދެންނެވީ އޭގެ ތެރޭގައި، އެމްޑީޕީގެ ތެރޭގައި ވެސް އެބަތިބި އަޅުގަނޑުމެންނާ އެއް ހިޔާލެއް ތިބި ބަޔަކު،" ގާސިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް ދެ ވަނަ ބުރަކަށް ހިނގައްޖެ ނަމަ ގުޅޭނެ ވަކި ބަޔަކު ނިންމާފައި ނުވާ ކަމަށާއި އެކަން ނިންމާނީ އެ ހާލަތު އައުމުން ގައުމީ ކޮމިޓީން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަމަވެސް ޔާމީން ވިދާޅުވެފައި ވަނީ ދެ ވަނަ ބުރަކަށް ގާސިމް ހޮވިވަޑައިގެންފި ނަމަ އެއްވެސް ޝަރުތެއް ނެތި ތާއީދުކުރައްވާނެ ކަމަށެވެ.
އެންމެން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް މުހައްމަދު ވަހީދަށް ތާއީދުކުރެއްވުމަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުން ބާތިލުކުރި އިންތިހާބުގައި ޔާމީނަށާއި ގާސިމަށް ވެސް ގާތްގަނޑަކަށް އެއްވަރަކަށް ވޯޓު ލިބިފައިވާ ކަމަށް ދެއްކުމުން ގައުމަށް އެންމެ ރަނގަޅު ގޮތަކީ ނިއުޓްރަލް މީހަކަށް ތާއީދުކުރުން ކަމަށް ވާތީ ކަމަށެވެ. މީގެ އިތުރުން ދައުރުގެ މެދުތެރެ އިން ރައީސް ބަދަލުވާ ގޮތަށް ވެސް ހުށަހެޅުއްވި ކަމަށާއި ނަމަވެސް ޔާމީންގެ ފަހަތަށް ދިއުމަށް މަޝްވަރާނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިހާބަށް ފަހު ގައުމީ ގުޅުމުގެ ބައެއް ފަރާތްތައް އެކި ދިމަދިމާ އަށް ދިޔަ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން އެ އިންތިހާބު ބާތިލުކުރުމުން އެ ފަރާތްތަކާއި އަދި އިތުރު ފަރާތްތައް ވެސް އަންނަމުންދާ ކަމަށެވެ.
"އޭރު އަޅުގަނޑު ތިން ވަނާގައި އޮތްތައް ފެނުނީމާ ބައެއް ދިމަދިމާ އަށް ފޯކަސް ބަދަލުވީ. ނަމަވެސް އެ ހުރިހާ ފަރާތްތަކުން ވެސް އެނބުރި އަންނަން ފަށައިފި. އަދި ހަމައެހެންމެ ޑރ. ވަހީދާ އެކީގައި މަސައްކަތްކުރެއްވި ގިނަ ބޭފުޅުން ވެސް ގިނަ ރައްޔިތުން ވެސް އަޅުގަނޑުމެންގެ ތެރެއަށް އަތުވެއްޖެ. ޑރ. ވަހީދުގެ ކޮއްކޮމެން ވެސް، އަލީ ވަހީދު ވެސް އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަން މިރޭ ބައްދަލުކުރައްވާފައި ވިދާޅުވި، އާއިލާގެ ހުރިހާ ބޭފުޅުން ވެސް ވަޑައިގަންނަވާނެ ވާހަކަ،" ގާސިމް ވިދާޅުވި އެވެ.
ކެމްޕެއިން ހީނަރުވެފައި ވަނީ ކީއްވެތޯ ޕްރެސެންޓަރު ސުވާލުކުރުމުން ގާސިމް ވިދާޅުވީ ކެމްޕެއިނަށް ހީނަރުކަން ނާންނަ ކަމަށާއި ނަމަވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ހުރި ޖަގަހަތަކެއް ހުޅުވައިގެން މަސައްކަތްކުރުމަށް ވުރެ މައި ސެންޓަރެއް ހަދައިގެން މަސައްކަތްކުރުން ރަނގަޅު ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންވެ ބައެއް ތަންތަން ބަންދުކޮށްފައިވާ ކަމަށާއި ނަމަވެސް ރަށްރަށުގައި ފޯރިއާ އެކު ޖަގަހަތަކުގައި މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބުގެ ކަންކަން ހިނގައްޖެ ނަމަ އެއްވެސް ފަރާތަކަށް ޝަކުވާކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ސެޕްޓެމްބަރު 7ގައި ބޭއްވި އިންތިހާބުން ކެންޑިޑޭޓުންގެ 'ސްޓްރެންތު' އެނގިގެން ނުދާ ކަމަށާއި ގިނައިން ވޯޓު ލިބުނީ ކާކަށް ކަން ނޭނގޭ އިރު އެ އިންތިހާބުގައި ކުރި ލިބިވަޑައިގެންނެވި ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ވެސް ކުރި ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ގާސިމް މިރޭ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ 60 ޕަސެންޓް މީހުން ޔާމީނަށް ވޯޓު ނުދޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ