ނަޝީދާއެކު ވާހަކަތަކުގައި ބައިވެރިވާކަށް ބޭނުމެއް ނޫން: މައުމޫން

ކުރީގެ ރައީސް މުހަންމަދު ނަޝީދާއެކު އެއް ތަނެއްގައި މަޝްވަރާ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ސ. ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ސީޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެ މަނިކުފާނާއި ނަޝީދު ބައިވެރިވަ ވަޑައިގެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް، މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ އެމްބެސެޑަރު ޕެޓްރީޝިއާ ބުޓެނިސް އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް ނަޝީދާ އެކު ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ދެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ.
އަދި އެކަން އެގޮތަށް ކުރަން ބޭނުންފުޅު ނުވާ މައިގަނޑު ސަބަބަކީ ނަޝީދު ރާއްޖެ އާއި ބޭރު ދުނިޔޭގައި އެމަނިކުފާނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަފުޅު ދެއްކެވުމާއި އަދި "ބަޣާވަތަކުން" ވެރިކަން ބަދަލުކުރީ މައުމޫން އަޑީގައި ހުންނަވައިގެން ކަމަށް ވިދާޅުވަމުން ގެންދަވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ އެފަދަ ވާހަކަފުޅުތައް ދައްކަވާ ބޭފުޅަކާ އެކު އިށީނދެވަޑައިގެން ވާހަކަ ދެއްކެވުމަކީ މި ހާލަތަށް ބަލާ އިރު އެ މަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން މިހެން ވިދާޅުވިއިރު އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ (އިންތި) އިއްޔެ ވިދާޅުވެފައި ވަނީ މައުމޫން "ބަޣާވާތު" ގައި ބައިވެރިވި ކަމަށް އެ ޕާޓީން ބުނާ ވާހަކަ، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އަނބުރާ ގެންދަން ތައްޔާރު ކަމަށެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ ވިލަރެސްވެރިޔާ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް މުހަންމަދު ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީތަކުގެ މަތީ ފެންވަރުގެ ވާހަކަތައް ބޭއްވުމަށް ޕާޓީތަކުގެ ލީޑަރުން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ މަޝްވަރާ ބައްދަލުވުމަކަށް މުޖުތަބާ އުންމީދު ކުރައްވަ އެވެ.
ހިތަދޫގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ފެބްރުއަރީ 7 ގައި ނަޝީދުގެ ސަރުކާރު ބަދަލުވީ ބަޣާވަތަކުން ނޫން ކަމަށެވެ. އަދި އޭރު އެ ދިމާވި ނުރައްކާތެރި ދަނޑިވަޅުގައި ވެސް ފުލުހުންނާއި ސިފައިން ދައްކުވައި ދީފައި ވަނީ ޝުކުރުވެރިވުން ހައްގު މަސައްކަތެއް ކަމަށާއި އެ ބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ސަރުކާރަށް ތާއީދުކުރާ ޕީޕީއެމް އިން 2013 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، އައްޑޫގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި މި ޖަލްސާގައި މައުމޫން ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތީ ވަރަށް ހިތްދަތި ހާލެއްގައި ކަމަށެވެ. އަދި އެ ހާލަތު ކުރިމަތިވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި މައުމޫން ވިދާޅުވީ ދިވެހި ގައުމެއް މިހާރު ނެތް ކަމަށާއި މިހާރިު ފެންނަނީ ބޮޑެތި ޖަރީމާތަކުގެ ތެރޭގައި ހިމެނޭ، މާރާމާރީ ހިންގުމާއި މީހުން މެރުމާއި ލޭ އޮހޮރުވުން ފަދަ ބޮޑެތި މައްސަލަތައް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ދިވެހިން، ދިވެހި ގައުމު އަނބުރާ ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި އެކަން ޕީޕީއެމް އިން ކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެއަކީ ފުރިހަމަ އިސްތިގްލާލެއް އޮތް ގައުމަކަށް ހެދުމަށް ޕީޕީއެމް އިން ވަރަށް ބޮޑަށް މަސައްކަތްކޮށް އެކަން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައިސް ރާއްޖޭގެ ހާލަތު ރަނގަޅު މިސްރާބަކަށް ގެންދިއުމެވެ. އަދި އެކަން ޕީޕީއެމް އަށް ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން އެ ޕާޓީ އަށް ވީހާ ވެސް ގިނައިން މެމްބަރުން އިތުރު ކުރުމަކީ އެކަމަށް ކުރަން ޖެހޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމްޑީޕީ އަށް ރާއްޖޭގެ ވެރިކަމަށް ދެން ނާދެވޭނެ ކަމަށާއި އިންތިހާބަކަށް ކުރިމަތިލިޔަސް އެ ޕާޓީ އަށް ވޯޓް ދޭނެ ބަޔަކު މިހާރު ނެތް ކަމަށެވެ.
ނަޝީދަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މައުމޫން ވިދާޅުވީ އެމްޑީޕީން އަވަސް އިންތިހާބަކަށް ގޮވާލި ނަމަވެސް އިންތިހާބެއް ބާއްވަން ޖެހޭ ސަބަބެއް އަދި ބާއްވަން ޖެހޭ ކަމަކަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެ ގޮތަށް ގަބޫލުފުޅު ނުކުރައްވަނީ ސަބަބުތަކެއް ހުރެގެން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެގޮތުން އަވަސް އިންތިހާބެއް ބާއްވަން ގާނޫނު އަސާސީ ތަން ނުދޭ ކަމަށާއި ކުރިއަށް މި އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރާ ނަމަ ގާނޫނު އަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރައީސް މުހަންމަދު ވަހީދުގެ ސަރުކާރުގެ 2013 އާ ހަމައަށް ދެމި އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ