ރައީސް ވަހީދާއި ގާސިމާއި އިލްޔާސްއާ އަޅުގަނޑު އެބަ ވާހަކަދައްކަން: އުމަރު

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ މި އަހަރު ބާއްވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހީމްއާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައި އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެ ތިން ބޭފުޅުންނާ ވާހަކަ ދައްކަވަނީ މި އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމް އަށް ކާމިޔާބުކޮށްދިނުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އުމަރު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ސިޔާސީ ތަޖުރިބާކާރަކީ، މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހީމް ކަމަށެވެ. އަދި އިލްޔާސްގެ ސަޕޯޓް ރަށްރަށުގައި ވަރަށް ބޮޑަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ކޮންމެ ކަމެއް ވެސް ހޭންޑްލް ކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެއް. އަޅުގަނޑު ވަރަށް ތާއީދު ކުރަން އިލްޔާސަށް ވެސް. ހަމަ އަޅުގަނޑު ތާއީދުކުރަން ގާސިމަށް ވެސް. ސަބަބަކީ ގާސިމަކީ ވެސް ސިޔާސީ މައިދާނުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް. ވަރަށް ވަރުގަދަ ވިޔަފާރިވެރިއެއް. އޭނަ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ވަރުގަދަ އެއް ޕަވާ ޕްލޭޔަރު. އަޅުގަނޑު ޑިސްކްރައިބް ކުރަނީ ގާސިމަކީ ރާއްޖޭގައި ތިން ވަނަ އަށް އެންމެ ވަރުގަދަ ސިޔާސީ މީހާއޭ. އެއީ ރައީސް މައުމޫން، އަންނި ނަގާފައި،" ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޕީޕީއެމް އެކަނި ނުކުމެ މަސައްކަތް ކުރުމަށް ވުރެ ސްޓްރެޓީޖިކަލީ އެންމެ މުހިންމީ ރައީސް ވަހީދާއި އިލްޔާސް އަދި ގާސިމް ފަދަ ބޭފުޅުން "ގޮވައިގެން ދަތުރުކުރުން" ކަމަށެވެ.
"އޭރުން އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބު މާ ފޮނިވެފައި މާ ޔަގީންވާނެ. ދެހާސް ތޭރައިގައި އަޅުގަނޑު ބޭނުމެއް ނޫން ޕީޕީއެމް އެއްވެސް ސަބަބަކާ ހެދި، އެއްވެސް މިސްޓޭކެއް ހަދައިގެން ބަލިވާކަށް. އެހެންވީމާ ޕީޕީއެމް އަށް އެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް، ހަދަންޖެހޭ ހުރިހާ ކޯލިޝަނެއް ހެދުމަށް އަޅުގަނޑު ހުންނާނީ ތައްޔާރަށް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖެހޭ ވާހަކަ ދައްކަން ވާނީ ވަގުތު ޖެހުމުން ނޫން ކަމަށާއި ކުރިއްސުރެ އެ ގުޅުން ބާއްވަންޖެހޭ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު މިހާރު ވެސް މިދަނީ އެ ގުޅުން ބަދަހި ކުރަމުން. އަޅުގަނޑު ރައީސް ވަހީދާ ވެސް ވާހަކަ ދައްކަން. އަޅުގަނޑު ގާސިމާ ވެސް ވާހަކަ ދައްކަން. އަޅުގަނޑު އިލްޔާސްއާ ވެސް ވާހަކަ ދައްކަން. ރާއްޖޭގައި ތިބި ހުރިހާ ޕޮލިޓިކަލް ހެވީ ވެއިޓުންނާ ވާހަކަ ދައްކަން. އެއީ މުޅި ބޮޑު މަންޒަރު އަޅުގަނޑުމެން ކުރަހާލަން ވާނެ. ބޮޑު މަންޒަރު ކުރަހާލާއިރުގައި އުމަރު ނަސީރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނަގައިގެން، އެކަނިމާ އެކަނި ގާސިމް ބޮލަށް ފައިން އަރާފައި، އިލްޔާސް ބޮލަށް ފައިން އަރާފައި، ވަހީދު ބޮލަށް ފައިން އަރާފައި ގޮސް ކާމިޔާބުކުރަން އުޅުމަށް ވުރެ މާ މޮޅު މި ހުރިހާ އެންމެން ގޮވައިގެން ދިޔައިއްޔާ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭރުގެ ޑީއާރުޕީން ގާސިމާ އެކު ކޯލިޝަން ހެދިނަމަ ކުރީގެ ރައީސް މުހަންމަދު ނަޝީދަށް އޭރު ވެރިކަމަށް ވަޑައިނުގެންނެވުނީސް ކަމަށެވެ. އުމަރު ސިފަކުރެއްވި ގޮތުގައި އޭރު ޑީއާރުޕީން ގާސިމާ އެކު ކޯލިޝަން ނެހެދުމަކީ "ސްޓްރެޓީޖިކް މިސްޓޭކް" އެކެވެ.
"އެހެންވީމާ އަޅުގަނޑުގެ އަތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް އޮވެގެންނެއް ސްޓްރެޓީޖިކް މިސްޓޭކެއް ނަހަދާނަން. އަޅުގަނޑުގެ ހިތުގައި ހުންނާނެ ފުޅާމިން، ފުންމިން، ދޫ ދޭންޖެހޭ ތަނުގައި ދޫ ދޭނަން. އެ ކެޕޭސިޓީ އަޅުގަނޑުގެ ކިބައިގައި ހުންނާނެ،" އުމަރު ވިދާޅުވި އެވެ. "އެކަނިމާ އެކަނި ދަތުރުކޮށްގެން ވެލި ކެއުމަށް ވުރެ މާ ރަނގަޅު އެހެން އެންމެން ގޮވައިގެން ގޮސް އަޅުގަނޑުމެންނަށް ބޮނޑިބަތް ކެވުނިއްޔާ."
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ގާތްވަމުން ދާއިރު މިއީ ޕީޕީއެމްގެ "ދޮރު ހުޅުވާފައި ހުންނަންޖެހޭ ވަގުތު" ކަމަށެވެ. އަދި މަޝްވަރާ ކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ޕީޕީއެމުން ފުރުސަތު އޮންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމަކީ "ކިންގް މޭކާއެއް" ކަމަށާއި "ގާސިމް އަރާކޮޅެއް ބަރުވާނެ" ކަމަށެވެ. އަދި ޓީވީ ސްޓޭޝަނާއި ދަތުރުފަތުރުގެ ނިޒާމު ވެސް ގާސިމްގެ ރިސޯސްތަކުގެ ތެރޭގައި ހުރުމަކީ ފައިދާއެއް ކަމަށް އުމަރު ދެކެވަޑައިގަންނަވަ އެވެ.
"އެހެންވީމާ ގާސިމް އޮން ބޯޑް ކުރުމަކީ ޕީޕީއެމް އަށް ވަރަށް މުހިންމު ކަމެއް،" އުމަރު ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގައި އުމަރާ ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ "ޔާމީންއާ އެކު އެހެން ބޭފުޅުން ދަތުރުކުރުން ވަރަށް އުނދަގޫވާނެ" ކަމަށެވެ.
"އެއީ އެ ބޭބޭފުޅުންނާ އެކު ވޭތުވެދިޔަ ތަނުގައި ނުކުމެފައި ހުރި މައްސަލަތަކުގެ ސަބަބުން. އެކަމަކު އަޅުގަނޑަކީ ފްރެޝް، ކްލީން މީހެއް ވީމާ އަޅުގަނޑަށް ފަސޭހަވާނެ މި ދަންނަވާ ބޭބޭފުޅުންނާ ވާހަކަ ދައްކައި އެ ބޭފުޅުންނަށް ޔަގީންކަން ދޭން. އަދި އެ ބޭބޭފުޅުންނަށް އެނގޭނެ އަޅުގަނޑު ދޮގެއް ނަހަދާނެކަން އެ ބޭފުޅުންނަށް. މިއަދު މި ގޮތެއް ހަދާ، މާދަމާ އަޅުގަނޑު މަކަރު ނަހަދާނެކަމުގެ ޔަގީންކަން ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބި ހެވީ ވެއިޓުންނަށް އެނގޭނެ،" ވިޔަފާރީގައި ވެސް ގާސިމާއެކު ގުޅުމެއް އޮންނަ އުމަރު ވިދާޅުވި އެވެ.
ޔާމީނާއި ގާސިމާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮންނަ ވާހަކަ ސިޔާސީ މައިދާނުގައި ވަރަށް ކުރިއްސުރެން ފެށިގެން ވަނީ އާންމުވެފަ އެވެ.
ރައީސް ވަހީދާއި ގާސިމް އަދި އިލްޔާސްއާ ވާހަކަ ދައްކަވަމުންދާ ކަމަށް އުމަރު ވިދާޅުވެފައިވާއިރު ޔާމީން "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގައި ރައީސްކަން ކުރެއްވޭ ފެންވަރުގެ ބޭފުޅުން އެބަތިއްބެވި ކަމަށެވެ. ރިޔާސީ ޕްރައިމަރީން ރައީސް ވަހީދަށް ފުރުސަތު އޮންނާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ޔާމީން ވިދާޅުވެފައި ވަނީ "ރައީސް ވަހީދަކީ ވެސް ކޮންމެހެން މި ޕާޓީގެ ރައީސްކަން ކުރެވޭ ވަރުގެ މީހަކު ނެތިގެން ގެންނަންޖެހޭ ބޭފުޅެއް ނޫން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ