ލައިފް ޖެކެޓު އެޅުން ލާޒިމްކުރަން މެމްބަރު އާދަމް ޝަރީފްގެ ޤަރާރެއް މަޖިލީހަށް!

ކަނޑުދަތުރުކުރާއިރު ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ ގޮތުން ކަނޑުދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުން ލާޒިމްކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފިއެވެ.
 
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް އިއްޔެ ހުށައެޅުއްވި ޤަރާރުގައި ވަނީ ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ބަލަން ޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުންނާއި ކަމާބެހޭ މުއައްސަސާތަކުން ދޭ ލަފާތަކަށް ބެލުމެއް ނެތި ދަތުރުކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
 
ހދ. ހަނިމާދޫން ފުރައިގެން އެއަތޮޅު ނޮޅިވަރަންފަރަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލާ 5 މީހަކު ނިޔާވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި ގިނަ ބަޔަކު އަންނަނީ ލައިފް ޖެކެޓް މަޖުބޫރުކުރަން ގޮވާލަމުންނެވެ. އެގޮތުން މެމްބަރުގެ ޤަރާރުގައި ލައިފް ޖެކެޓް އެޅުން ލާޒިމް ކުރުމަށާއި އޮޑިވެރިންނާއި ކެޔޮޅުންނާއި ކައްޕިތާނުންނާއި ދަތުރުކުރާ މީހުން އެގޮތަށް އަމަލު ކުރަމުންދާ ކަން ކަށަވަރު ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގޮވާލާފައިވެއެވެ.
 
ދަތުރުކުރާއިރު ހުރިހާ އެންމެންވެސް ލައިފް ޖެކެޓު އަޅާފައިވޭތޯ ކަށަވަރުކުރުމަކީ ކައްޕިންގެ ޒިންމާއެއްކަމަށް ޓްރާންސްޕޯޓުންވެސްވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ