ގާޒީ ބާރީ ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ޖުވެނިއަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތް ނިންމުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލާގައި ގާޒީ ބާރީ މަގާމުން ވަކި ކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމެޓީ އިން ވެސް ފާސްކޮށްފިއެވެ.އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މަޖިލީހުގެ ތަޅުމުން ފޮނުވާފައިވާއިރު، މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ގާޒީ ބާރީ އާ ގުޅޭގޮތުން ޖޭއެސްސީން މައްސަލަ ބަލާފައިވަނީ ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު، އިޖުރާއަތްތަކާ އެއް ގޮތަށް ކަމަށެވެ.އެހެންކަމުން، ގާޒީ ބާރީ ފަނޑިޔާރުކަމުން ފެންނަކަމަސް ނިންމައި، އެކަން ކުރިއަށް ގެންދިއުމަށް އަނބުރާ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިއަދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.ޖޭއެސްސީން ވަނީ ގާޒީ ބާރީގެ ގިނަ މައްސަލަތަކެއް ބަލާފައެވެ.ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ބާރީއާ ގުޅޭގޮތުން ބަލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މާލީ މަންފާ ހޯއްދަވާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އާއި މެއި، 2014 އިން ފެބްރުއަރީ، 2018 އާ ހަމައަށް ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވުމާއި އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާނުގައި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ކަމަށެވެ.އެ މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާޒީ ބާރީއާ ދެމެދު ގާތް ގުޅުން އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އިތުރު ފަނޑިޔާރުންތަކަކާ އެކު، އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އޭނާއާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ބުންޏެވެ.އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި މާޗު 13، 2015ގައި 13 އަހަރުގެ ޖަލު ހުކުމް އިއްވުގެ ކުރިން، އެ ހުކުމުގެ ކޮޕީއެއް އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބަށް ފޮނުއްވުމަށް ބާރީ ހުކުމުގެ ކޮޕީއެއް ދެއްވާފައިވާ ކަމަށް ވެސް ބުންޏެވެ."...ޝަރީއަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ އަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ގާޒީ އަބްދުލްބާރީ ޔޫސުފްގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ، ގާޒީ އަބްދުލްބާރީ ޔޫސުފަށް ދީފައިވާކަމާއި ގާޒީ އަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓު ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ގާޒީ އަބްދުލްބާރީ ޔޫސުފް ދައްކަވާފައިވާއިރު، އެ ފައިސާއަކީ އަބްދުލްބާރީ ޔޫސުފް ނާޖާއިޒް ގޮތުގައި ހޯދާފައިވާ ފައިސާކަމުގައި މި ކޮމިޝަނުން ކުރި ތަހުގީގަށް އެނގެ އެވެ،" ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ގާޒީ ބާރީއަކީ އެ ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރެކެވެ. އޭރު އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތަކެއް ވެސް އޭނާ ބެއްލެވި އެވެ. އޭނާ ޖުވެނައިލް ކޯޓަށް 2017 ވަނަ އަހަރު ބަދަލުކުރީ ކުއްލި ގޮތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ