މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ކޮންމެ ގޮތަކަށް ރައްޔިތުން ނިންމެވި ނަމަވެސް، އެ ނިންމެވުމަކަށް އިހްތިރާމް ކުރެއްވުމަށް ރާއްޖޭގެ މުއައްސަސާތަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިލްތިމާސް ކުރައްވައިފިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު، ވާދަނުކުރައްވަން ނިންމެވި އުމަރުގެ ފޭސްބުކް ޕޭޖުގައި އެ އިލްތިމާސް ކުރައްވާފައިވަނީ، އިލެކްޝަން ކޮމިޝަން އަށާއި ސިފައިންނާއި ފުލުހުންގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަށެވެ.
އަދި ފަސް އަހަރުން އެއް އަހަރު ވޯޓަކުން ރައްޔިތުންނަށް ލިބޭ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަށް ރައްޔިތުންނަށް އުމަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
”ފަސް އަހަރުން އެއް އަހަރު ވޯޓަކުން ވެރިޔަކު ހޮވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިއްޕަވާ އަމިއްލަ ވިސްނުމަކުން ވިސްނަވާ ވޯޓު ދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.“ މިގައުމަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމުން އުމަރުގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރައްވައި، އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ބޭނުންވާ މީހުންގެ ސޮއި ވެސް ހަމަކުރެއްވުމަށްފަހު އުމަރު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ.
އަދި އުމަރުގެ ވިސްނުން ބަދަލުވިއިރު، އޭނާ ވަނީ ވެރިކަމުގައި ގެންގުޅުއްވާނެ ސިޔާސަތުތައް ވެސް އިއުލާން ކުރައްވައިފައެވެ.
ވާދަނުކުރައްވަން ނިންމެވިކަން ހާމަކުރައްވާ އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއަދުގެ ސިޔާސީ ހާލަތު އޮތް ގޮތުން، ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށް ވުރެ ބޮޑަށް، މި ފަހަރު ބަދަލުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށެވެ.
އަދި ވިދާޅުވީ، އޭނާގެ ވަގުތު އަދި ނުޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ސިޔާސީ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އުމަރު ނަސީރުގެ އިލްތިމާސް މުއައްސަސާތަކަށް: ކޮންމެ ގޮތަކަށް ރައްޔިތުން ނިންމެވިޔަސް، އިހްތިރާމް ކުރައްވާތި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ