ތުއްތުދަރިފުޅު މަރާލިކަމުގެ ތުހުމަތުގައި އިންޑިއާގައި ހައްޔަރުކުރި ދެމަފިރިންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

އުމުރުން އެންމެ އަށް ދުވަސް ވީ ތުއްތު ދަރިފުޅު މަރާލިކަމުގެ ތުހުމަތުގައި އިންޑިޔާގެ ޓްރިވެންޑްރަމްގެ ޖަލުގައި ހައްޔަރުކޮށްފައި ތިބި ދިވެހި ދެމަފިރިންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކެރެލާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ޓްރިވެންޑްރަމްގައި ހުންނަވާ އޮނަރަރީ ކޮންސަލް އަބްދުއްލަތީފް ގާސިމް ބުރާސްފަތި ދުވަހު ފޯނުން ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އާސިމް އިބްރާހީމު ،30 އާއި އޭނާގެ ދެ ވަނަ އަނބި، މުހައިމިނާ ހުސައިން ،18 ގެ މައްޗަށް ކެރެލާގެ ކޯޓަކުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުށް ސާބިތު ނުވާ ކަމަށް ހުކުމްކުރުމާ ގުޅިގެން އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.
"ކޯޓުން ހުކުމްކުރީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް. ކޯޓުން ހުކުމްކޮށް ދޫކޮށްލުމުން ރާއްޖެ ދިއުމަށް އެ މީހުން ދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.
އަބްދުއްލަތީފް ވިދާޅުވީ އެ ދެ މީހުން ދޫކޮށްލުމުން ކޮންސިއުލޭޓްގެ ފަރާތުން ވާނުވާގޮތް ބައްލަވަމުންގެންދަވާ ކަމަށެވެ.
"މާލެ ދަނީ ކޮންއިރަކު ކަމެއް އަދި ނޭނގެ. އެ މީހުން މަޑުކޮށްގެންތިބީ ތިމާގެ މީހުން ފައިސާ ފޮނުވަންދެން،" އޭނާ ވިދާޅުވި އެވެ.
ކެރެލާގެ ފުލުހުން އެ ދެމަފިރިން ތަހުގީގަށް ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ މީހުންގެ އަށް ދުވަހުގެ ތުއްތު ދަރިފުޅު އަމިއްލަ އަށް މަރާލާފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ