"ޖަޒީރާ" ޓެލެގްރާމް ޗެނަލް ހިންގި އިސް މީހަކު ހަތަރު އަހަރަށް ޖަލަށް "ޖަޒީރާ" ޓެލެގްރާމް ޗެނަލް ހިންގި އިސް މީހަކު ހަތަރު އަހަރަށް ޖަލަށް

ޓެލަގްރާމް އެޕްލިކޭޝަންގައި "ޖަޒީރާ އެޑްމިން" ގެ ނަމުގައި ޔޫސާއެއް ހަދައި އެ އެޕްލިކޭޝަނުގައި "ޖަޒީރާ" އާއި "ޖަޒީރާ ގާލްސް" އާއި "ޖަޒީރާ އެސްކޯޓު ގެލެރީ" ނަމުގައި ތިން ޗެނަލެއް އުފައްދައިގެން މަސްތުވާތަކެއްޗާއި ހަށި ވިއްކުމުގެ ވިޔަފާރި އިޝްތިހާރު ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ދރ. 12966، އިބްރާހިމް ރަޝީދު ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
މި ޗެނަލްތައް އަތުލައިގަނެ ހުއްޓުވާފައިވަނީ މާޗު 13، 2024 ގަ އެވެ. އެ މައްސަލާގައި އޭނާގެ އިތުރުން ހައްޔަރުކުރީ ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީ އާއި ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމް އެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލީ ޖޫން 12، 2024 ގަ އެވެ.
އިބްރާހިމް ރަޝީދުގެ މައްޗަށް ހަތަރު ދައުވާކޮށްފައިވެ އެވެ. އެއީ ހަޑި ހުތުރު އެއްޗެއް ރައްދު ކުރުމުގެ ކުށުގެ ދައުވާ، މަނީ ލޯންޑްރިންގެ ދައުވާ، މީހަކު ލައްވާ ހަށި ވިއްކުވުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ، އަދި މީހަކު ހަށި ވިއްކައިގެން ލިބޭ އާމްދަނީ ކަން އެނގި ހުރެ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.
އޭގެ ތެރެއިން ކޯޓުގައި މިހާތަނަށް ސާބިތުވެފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި މީހަކު ލައްވާ ހަށި ވިއްކުވުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު އިއުތިރާފް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ހަށި ވިއްކުވަން އެހީތެރިވެދިނުމުގެ ދައުވާ ސާބިތުވެ އޭނާއަށް އިއްވީ އެއް އަހަރާއި ހަ މަސް ދުވަހުގެ ހުކުމެކެވެ. މަނީ ލޯންޑާކުރިކަން ސާބިތުވެ އޭނާގެ މައްޗަށް އިއްވީ ދެ އަހަރާއި ހަ މަސް ދުވަހުގެ ހުކުމެކެވެ. އަދި، 462،637.61ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ޖަޒީރާ ގްރޫޕު ގެނައިއިރު، އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި 6529 މެންބަރުން ތިއްބެވެ.
އެކި ބާވަތުގެ މަސްތުވާތަކެތީގެ އިތުރުން ބަދުއަހުލާގީ ފޮޓޯ، ވީޑިއޯ ވެސް އެ ޗެނަލުގައި އިސްތިހާރުކޮށް ވިއްކަމުންދިޔަ އެވެ. އަދި ހަށިވިއްކުމަށް ވެސް ބައެއް އިސްތިހާރުތައްކޮށްފައި ހުއްޓެވެ.
އެ ގްރޫޕުގައި އާންމުކޮށް އިސްތިހާރު ކުރަމުންދިޔައީ ޕާޓީ ޑްރަގްސް އާއި ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތް ކަމަށްވާ ކެނަބިސްގެ ބާވަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ