ރައްޔިތުންނަށް އުނދަގޫ ވަނީ ކޮރަޕްޝަނުގެ މައްސަލަތަކުގެ ފައިސާ ނުހޯދޭތީ ކަމަށާއި ބަޔަކަށް އަދަބު ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީންގެ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ފިޔަވަޅު ނާޅާތީ ސަރުކާރަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފާޑު ވިދާޅުވެފަ އެވެ.
ތަފްސީލް - ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުންނާއި ސަރުކާރުތަކުން ވެސް ކޮރަޕްޝަނުގެ ވާހަކަ ދައްކަނީ އިހުލާސްތެރިކަމެއް އޮވެގެން ނޫން ކަމަށެވެ.
"ރައްޔިތުންނަށް އުނދަގޫވަނީ ހަމައެކަނި ކޮރަޕްޝަނުގެ ފައިސާތައް ގެއްލިގެން އެ ހޯދަން ޖެހޭ މައްސަލާގައި ނުހޯދާތީ،" ޔާމީން ވިދާޅުވި އެވެ.
"ރައްޔިތުން ވެސް ބޭނުންވަނީ ކޮންމެހެން މީހުންނަށް އަދަބުތަކެއް ދޭކަށް ނޫން."
ދައުލަތުގެ ހަޒާނާއިން ގެއްލޭ ފައިސާ އަނބުރާ ހޯދައިފި ނަމަ މިއަދު މި އޮތް ހާލަތަށް ނުދާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނަކީ 'ގަދީމީ ބައްޔެއް' ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން ސަރުކާރުތަކަށް ކެރިގެން ނޫނީ އެކަން ނުހުއްޓުވޭނެ ކަމަށެވެ.
"އެއާ އެކީ ގެއްލިފައި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ޖެހޭ. [ސަރުކާރުތަކުން އެކަން] ކުރާކަށް ބޭނުމެއް ނުވޭ. އަދި އަމުދުން މި ސަރުކާރުން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ތުހުމަތުކުރެއްވި ގޮތުގައި މި ސަރުކާރުގައި ކޮރަޕްޝަން ނެތް ދިމާއެއް ނެތެވެ.
އޭސީސީ ހިންގަނީ ރައްޔިތުންނަށް ފަސޭހައިން ވަދެ ނުކުމެ ވާނެ ގޮތަށް ހުރި ތަނެއްގައި ނޫން ކަމަށް ވިދާޅުވެ އެކަމަށް ވެސް ޔާމީން ފާޑު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަނުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލައެއް ނުބެލި ނޯންނާނެ އެވެ.
"ކޮރަޕްޝަންގެ މައްސަލައެއް ބަލާކަށް އޭރު އޭސީސީގައި ކޮމިޝަނަރަކަށް ހުންނެވި ލުތުފީ، ރައީސް އޮފީހުން ހުއްދައެއް ނަގާކަށް ނޯންނާނެ. ރައީސް އޮފީހުން ބައެއް ސިޓީ ބޭނުންވީމާ ރައީސް އޮފީސް ވެސް [އޭސީސީ] ހުންނާނެ ބަލާފައި،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ފެންމަތިވި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރި ތުހުމަތުތަކުގެ މައްސަލަތައް ކޯޓުތަކުގައި އަދިވެސް ހިނގަމުން އަންނާތީ، ގައުމުން ބޭރަށް ވެސް ވަޑައިނުގަންނަވާ ކަމަށް މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑު އަދިވެސް ނުދަމެއް ނޫންތޯ؟ ރާއްޖޭގައި ނޫންތޯ މިހުރީ؟ އެހެން ރައީސުންނަށް މިކަހަލަ ކަމެއް ވީމާ، ޝަރީއަތަކަށް އައީމާ ކާކުތޯ ރޮއިރޮއިފައި ރާއްޖެއިން ބޭރަށް ނުދަނީ؟ އަޅުގަނޑު މިހުރީ. އަޅުގަނޑާ ދެކޮޅަށް އަންނަ ހުރިހާ މައްސަލަތައް ބަލާ ނިމުނީމާ ދެން ހެވޭ ރާއްޖެ އިން ބޭރަށް ދިޔަޔަސް ބުނީމާ ރާއްޖެއިން ބޭރަށް ދާނީ،" ޔާމީން ވިދާޅުވި އެވެ.
ކޮރަޕްޝަނުގެ ފައިސާ ނުހޯދޭތީ ރައްޔިތުންނަށް އުނދަގޫވޭ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ