ރާއްޖެ އަންނަ ލަންކާ މީހުންނަށް 90 ދުވަހުގެ ވިސާ

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ރާއްޖެ ޒިޔާރަތް ކުރާ ލަންކާ މީހުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް އިމިގްރޭޝަނުން އިއްޔެ ބުނެފި އެވެ.
ވީ ކިހިނެއް؟ - އިމިގްރޭޝަނުން ބުނީ ރާއްޖެ އަންނަ ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ ހިލޭ އޮން އެރައިވަލް ވިސާ ދޭން ނިންމީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒުއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ކަމަށެވެ.
ތަފްސީލް - މިދިޔަ ޖެނުއަރީން ފެށިގެން ލަންކާއަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ވަނީ ފަށައިފަ އެވެ.
ލަންކާ ރައީސްގެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒުއާ އެކު ދެއްވި ގުޅިފައިވާ ބަޔާނުގައި، އެ ގައުމުގައި ވަޒީފާ އަދާކުރާ އަދި ކިޔަވާ ދިވެހިންގެ އާއިލާތަކަށް އެއް އަހަރަށް ސްޕައުސް ވިސާ އަދި މެޑިކަލް ވިސާ ދޭން ނިންމާފައިވާކަން ވެސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.
ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުމަށް މިއަހަރު 60 އަހަރު ވަނީ ފުރިފަ އެވެ. އެގޮތުން، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965ގަ އެވެ. އަނޫރާގެ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރުމާ ވެސް ދިމާކޮށް ކުރެއްވި ދަތުރުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ