ދެމަފިރިންގެ ގުޅުން ދެމެހެއްޓުމަށް ދީން ބާރުއަޅާ މިންވަރުގެ ތެރެއިން ބައިވެރިޔާއަށް ދޮގުހެދުން ހުއްދަވާ ޙާލަތު-

ދޮގު ބުނުމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ވަރަށް ޚާއްޞަ ޙާލަތްތަކެއްގައި ނޫނީ ބޮޑު ފާފައެކެވެ. ދޮގުބުނުން ގިނަވުމަކީ ދޮގުވެރިއަކު ކަމަށް ސިއްކަ ޖައްސަވާ ސަބަބެކެވެ. އެކަމުންވެސް އެނގިގެންދަނީ ދޮގުބުނުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ. މިބުނި ޚާއްޞަ ޙާލަތުގެ ތެރެއިން އެއް ޙާލަތުގައި ބައިވެރިޔާ ދެރަނުކުރުމަށްޓަކައި ބައިވެރިޔާ ދެކެ ލޯބިނުވެވުނަސް ލޯބިވާކަމަށް ބުނުން ހުއްދަވުން ހިމެނެއެވެ. އެކަމުންވެސް އަންގައިދެނީ ދެމަފިރިންގެ ގުޅުން ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ދީން ބާރުއަޅާ މިންވަރެވެ.  
ދެން މިބުނެދެނީ ބައިވެރިޔާ ދެކެ ލޯބިވާކަމަށް ބުނެ ދޮގުބުނުން ހުއްދަވާ ޙާލަތާއި ޙަރާމްވާ ޙާލަތުގެ ވާހަކައެވެ.  
ހުއްދަވާ ޙާލަތަކީ ބައިވެރިޔާ އާއިއެކު ލޯބިން ތެދުވެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރިޔަސް ބައިވެރިޔާ ދެކެ  ލޯބިނުވެވޭނަމަވެސް ލޯބިވާކަމަށް ބުނުމެވެ. އެޙާލަތުގައި އެހެން އެބުނަނީ ބައިވެރިޔާ އުފާކޮށްދޭންވެގެންނެވެ. ހިތުގައި ނުޖައްސަންވެގެންނެވެ. ލޯބިނުވެވޭކަމަށްބުނެފިނަމަ ދެރަވާނެތީއެވެ.  
އެގޮތުން ބައިވެރިޔާ ހެދުމެއް ލުމުން ރީތި ނޫންނަމަވެސް ރީތިކަމަށްވެސް ބުނެވިދާނެއެވެ. އެއީ ހުތުރުކަމަށް ބުނެފިނަމަ ބައިވެރިޔާ ދެރަވާނެތީ ބައިވެރިޔާ ދެރަނުކުރަންވެގެންނެވެ. ހަމައެގޮތަށް ބައިވެރިޔާގެ އަތުން ދެރަކަމެއް ކުރެވުމުން ހިތްހަމަ ނުޖެހިހުރެވެސް އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ބުނެވިދާނެއެވެ.  
ދެން ބަލައިލަންވީ ހެދީ ދޮގަކަށްވެ ޙަރާމްވާ ޙާލަތަށެވެ. މިޘާލަކަށް އަނބިމީހާއަށް/ފިރިމީހާއަށް ސިއްރުން ލޯބިވެރިއަކު ގެންގުޅެމުން އަނބިމީހާ/ފިރިމީހާ ގާތު ލޯބިވަނީ އޭނާދެކެ އެކަނި ކަމަށް ބުނުމާއި މިހުރީ ވަފާތެރިކަންމަތީގައި ކަމަށް ބުނުމުން އެބުނެވެނީ ހަމަ ބޮޑު ދޮގެކެވެ.  
ބައިވެރިޔާ ހިފަހައްޓަން ދޮގާއި މަކަރުހެދުން ހުއްދައެއް ނޫނެވެ. 2 އަންތބަށް ކައިވެނިކުރަން ބޭނުންވިނަމަވެސް އޮތީ ތެދުބަހުން ބުނުމެވެ.  
އެފަދަ ޙާލަތެއްގައިވެސް ޢިލްމުވެރިން ވިދާޅުވަނީ އެންމެ ރަނގަޅު ގޮތަކީ ސީދާ ދޮގެއް ނުބުނެ ދުރުމާނައެއްލައިގެން ބުނުން ކަމަށެވެ. 
މިދެ ޙާލަތަކީ މުޅިން ތަފާތު ދެ ޙާލަތެކެވެ. ވީމާ މަޞްލަހަތަށް ކަމަށް ބުނެ ދޮގުބުނެވޭނެ ޙާލަތާއި ނުބުނެވޭނެ ޙާލަތު އެނގެން އެބަޖެހެއެވެ.  
ދެން އޮތީ ދެމީހުންކުރެ މީހަކަށް ދެމީހުން ވަކިވުމުގެ ނިޔަތް ނެތި ކުށެއް ކުރެވުމެވެ. އެޙާލަތުގައި ދެމީހުން ވަކިވެދާނެ ކަމުގެ ބިރު އޮތްނަމަ ދޮގެއް ބުނުމަކުން ފާފަވެރިއެއް ނުވާނެއެވެ.  
މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ