ނަރުދަމާ އާއި ފަޅުގެ މައްސަލައިގައި ގައްދޫގައި މުޒާހަރާއެއް ކޮށްފި

ގދ. ގައްދޫ ނަރުދަމާގެ ނިޒާމާއި ފަޅުގެ ދަތިކަން ހައްލުކޮށްދިނުން އަވަސްކުރުމަށް އެދި އެ ރަށުގައި އިއްޔެ ހަވީރު މުޒާހަރާއެއް ބާއްވައިފި އެވެ.
އެ ރަށުގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި މި މުޒާހަރާގައި، ނަރުދަމާގެ ނިޒާމާއި ފަޅުގެ ދަތިކަން ހައްލުކޮށްދިނުމުގެ އިތުރުން، އެ ރަށުގައި ހިއްކަމުންދާ ސަރަހައްދުގައި ބޭރު ތޮށިލުން އަވަސްކޮށް ދިނުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
"އަޅުގަނޑުމެން ބޭއްވި މުޒާހަރާއަކީ ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ލަހުން ހިނގާތީ އާއި ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ މަސައްކަތްތައް ނުފެށި ލަސްވަމުންދާތީ ބޭއްވި މުޒާހަރާއެއް. ރައްޔިތުން ގޮވަމުން ދިޔައީ އެ ކަންތައްތައް އަވަސްކޮށްދެއްވުމަށް،" މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.
ތަފާތު ބެނާތަކާ ބޯޑުތައް ހިފައިގެން މުޒާހަރާ ބާއްވާފައި ވަނީ އެ ރަށުގެ ބޮޑެތި މަގުތަކުގަ އެވެ. ގައްދޫ ކަތީބު އިސްމާއީލު ޝަމީމް ވިދާޅުވީ އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ކަމަށް ބުނާ މުޒާހަރާ އާ ބެހޭ މައުލޫމާތެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ