އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓު ދިނުމުގެ މައްސަލައިގައި ރަށް ބުރިކޮށްލުން: މަހެއް ވެގެން ދިޔައިރު އަދިވެސް ކޯރުތައް ކަނޑައިފައި

އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓް ދިނުމުގެ މައްސަލައިގައި އެ ރަށުގެ ދެ އަވަށުގެ މީހުން ނުކުމެ، ސިއްހީ މަރުކަޒުގެ ދެކޮޅުން ބޮޑު ދެ ކޯރު ކަނޑައި، ބޮޑު މަގު ބުރިކޮށްލިތާ މަހަކަށް ވުރެ ގިނަ ދުވަސްވިއިރު، ކޯރުތައް ކެނޑިގޮތަށް އެބަހުރި ކަމަށް ގަނޑުއަވަށު ރަށު އޮފީހާއި ބައެއް ރައްޔިތުން ބުނެފި އެވެ.
އިސްދޫ ގަނޑު އަވަށު ކަތީބު އިބްރާހީމް ހަމީދު ބުރާސްފަތި ދުވަހު ވިދާޅުވީ ކޯރުތައް ނުބައްދައި އޮތުމުގެ ސަބަބުން ދެ އަވަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. ނަމަވެސް ކޯރު ނުބައްދައި އޮތީ ދެ އަވަށުގެ ރައްޔިތުން ވެސް އެ އަވަށެއްގެ އިން ފާހަގަ ޖަހަން ބޭނުންވާތީ ކަމަށެވެ.
"މި މައްސަލައިގައި އަތޮޅު އޮފީހުން ވެސް އެތައް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި. ނަމަވެސް ހައްލެއް ނުފެނޭ،" ހަމީދު ވިދާޅުވި އެވެ.
ކަޅައިދޫ އަވަށުގެ ރައްޔިތެއް ކަމަށްވާ އަހުމަދު އަލީ ވެސް މިއަދު ބުނީ މައްސަލަ އަށް ހައްލެއް ނާންނަ ކަމަށެވެ. އަދި ކޯރުތައް ނުބައްދައި އޮތުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ދިއުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ޑޮކްޓަރެއް ނެތުމުން އެތަނުން ސިއްހީ ހިދުމަތެއް ނުލިބޭ. ލިބޭ ހިދުމަތެއް ހޯދުމަށް ވެސް ދިއުމަކީ އަދިވެސް ދަތި ކަމެއް،" އަހްމަދު ބުންޏެވެ.
މި މައްސަލައިގައި ގަނޑުއަވަށުގެ ކަތީބު އަދި ލ. އަތޮޅުގެ އަތޮޅުވެރިޔާއާ ގުޅޭގޮތެއް ނުވި އެވެ.
އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓު ދިނުމުގެ މައްސަލައިގައި އެރަށުގެ ދެ އަވަށްކަމުގައިވާ 1،100 މީހުންގެ އާބާދީއެއް އޮންނަ ގަނޑު އަވަށާއި 900 މީހުންގެ އާބާދީއެއް އޮންނަ ކަލައިދޫ އަވަށުގެ ރައްޔިތުންގެ މެދުގައި އުފެދެމުންދިޔަ ހަމަނުޖެހުން ހޫނުވަމުން ގޮސް، ސިއްހީ މަރުކަޒު ހުރި ސަރަހައްދުގެ ދެ ފަރާތުގައި ކޯރުކޮނެ ބޮޑު މަގު ބުރިކޮލީ މިދިޔަ މަހު 24 ވަނަ ދުވަހު އެވެ. އެކަމުގެ ސަބަބުން 10 ދުވަސް ވަންދެން ސިއްހީ މަރުކަޒު ނުހުޅުވި ހުރުމަށް ފަހު، މި މަހުގެ ފަސް ވަނަ ދުވަހު އެ މަރުކަޒު ހުޅުވީ ސިއްހީ މަރުކަޒުގެ ޖެނަރެޓާރަކުން ހިންގައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ