އިޒްރޭލާ އެކު އެއްވެސް ސިއްރު ގުޅުމެއް އަދި ސިޔާސީ ގުޅުމެއް ވެސް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ގާއިމް ކޮށްފައި ނުވާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީން ރޭ ވަގުތުން ދުރަށް ދެއްކި "ހޫނު ގޮނޑި" ޕްރޮގްރާމްގައި ޕްރެޒެންޓަރު އިބްރާހިމް އުމަރު މަނިކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވީ ކުރީގެ ސަރުކާރުން އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ކަމަށް ވިދާޅުވެ މިހާރު ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް މައުމޫން ވިދާޅުވީ އިޒްރޭލުގެ މައްސަލައިގައި ކުރީގެ ސަރުކާރުން އަމަލު ކޮށްފައިވާނީ މެދުއިރުމަތީގެ މައްސަލަތައް އެނބުރެމުން ދާ ގޮތަށް ބަލައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެއްގޮތަށް ކަމަށެވެ.
"އޭގެ ތެރެއިން ވަކި ހިސާބަކަށް ދިޔައީމަ ]ވަޒީރުންގެ[ މަޖިލީހުން ލަފާ ދެއްވި އިޒްރޭލާ އެކީގައި ސިޔާސީ ގުޅުން ނޯވެ، އެއްވެސް ކަހަލަ ޑިޕްލޮމެޓިކް، ރަސްމީ ގުޅުމެއް ނެތި، އެހެން ނަމަވެސް އިޒްރޭލުގެ މީހުން ވަކިވަކި ފަރުދުންގެ ގޮތުގައި ރާއްޖެ އަންނަންޏާ އެ މީހުންނަށް ހުއްދަ ދޭން. އެ ގޮތަށް އޮންނާނީ ގޮސްފައި. އަދި ވަކިވަކި ވިޔަފާރިވެރިން އެތަނަށް ދިއުމާއި މުދާ އެތެރެ ކުރުމާއި އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް. އެކަމަކު ސަރުކާރުގެ އެއްވެސް ފަރާތަކުން އިޒްރޭލުން މުދާ އެތެރެކޮށްގެން ނުވާނެ. އަދި އިޒްރޭލަށް މުދާ ވެސް ބޭރުކޮށްގެން ނުވާނެ. އަދި އިޒްރޭލާ އެއްވެސް ސިޔާސީ ގުޅުމެއް ހިންގައިގެން ނުވާނެ. އެގޮތަށް އޮތީ،" އިޒްރޭލާއެކު މިހާރުގެ ސަރުކާރުން ސިޔާސީ ގުޅުން ގާއިމް ކުރުމާ މެދު ވަރަށް ބޮޑަށް މައްސަލަ ހޫނުވި ފަހުން އެކަމާ ގުޅޭ ގޮތުން މީޑިއާއެއްގައި ދެއްކެވި ފުރަތަމަ ވާހަކަފުޅުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވި ނަމަވެސް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔައިރު ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުން އިޒްރޭލާ އެކު ބޭއްވީ ސިއްރު ގުޅުމެއް ކަމަށާއި މި ސަރުކާރުން ކުރަން އުޅޭ ކަމަކީ އެ ގުޅުން ފާޅުގައި ކުރިއަށް ގެންދިއުން ކަމަށެވެ.
ރައީސް މައުމޫން ރޭ ވިދާޅުވީ އދ. މަޖިލީހުގެ ހުރިހާ ގަރާރުތަކާ ހިލާފަށް އިޒްރޭލުން އަމަލުކޮށް ފަލަސްތީނުގެ މުސްލިމުންނަށް ވޭންދެނިވި އަޒާބުތައް ދެމުންދާއިރު އެ ގައުމާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ރޭގެ 00: 10 އިން 00: 11 އަށް ފޮނުވި "ހޫނު ގޮނޑި" ޕްރޮގްރާމްގައި ރައީސް މައުމޫން ވިދާޅުވީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީއެއްގެ ގޮތުގައި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ ހިންގުމަށް މިހާރުގެ ސަރުކާރުން ނިންމެވުމަކީ އޭގެ ނުރައްކާތެރިކަން ފެނިގެންދާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ހެޔޮ ބަދަލެއް ނޫން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ކުއްލިއްޔާ ބިނާކުރެއްވުމަކީ 30 އަހަރުގެ ތެރޭގައި ތައުލީމީ ވުޒާރާއިން ކޮށްފައިވާ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި 2008 ވަނަ އަހަރުގެ ތެރޭގައި ކުއްލިއްޔާ، އިސްލާމިކް ޔުނިވަސިޓީއަކަށް ބަދަލު ކުރެއްވުމަށް ވެސް އެމަނިކުފާނު ނިންމެވި ކަމަށެވެ.
"ޑީއާރުޕީގެ ޕޮޒިޝަނަކީ އަޅުގަނޑުމެން ބޭނުމެއް ނޫން މި ކުއްލިއްޔާ ގައުމީ ޔުނިވަސިޓީގެ ބަޔަކަށް ވާކަށް. އެއީ ގައުމީ ޔުނިވަސިޓީގެ ބަޔަކަށް ވެއްޖިއްޔާ ކުއްލިއްޔާ މުޅިން ވިރިގެން ދާނެ. ޝަހުސިއްޔަތު ގެއްލިގެން ދިޔައީ. އެތަން ހުންނަން ޖެހެނީ މުސްތަގިއްލު އިސްލާމިކް ކޮލެޖެއްގެ ގޮތުގައި. ހުރެފައި ޔުނިވަސިޓީއަކަށް ބަދަލުވެގެން ދާން ޖެހޭނީ މުސްތަގިއްލު ކަމާ އެކީގައި. އޭރުން އަޅުގަނޑު މި ދެންނެވި ދީނީ ތައުލީމާއި ދީނީ އިލްމުތައް ކުރިއަށް ގެންދެވޭނީ. އަދި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ދީނީ ހޭލުންތެރިކަމާއި ދީނީ މައުލޫމާތު ދިނުމުގެ މަރުކަޒެއްގެ ގޮތުގައި އެތަން ހުންނާނީ. ގައުމީ ޔުނިވަސިޓީގެ ބަޔަކަށް ބަދަލުވެގެން ހިނގައްޖިއްޔާ މި ހުރިހާ ކަމެއް ގެއްލިގެން ދާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ކުއްލިއްޔާގެ މައްސަލައިގައި ރައީސް މައުމޫން އަދި ވިދާޅުވީ ގައުމީ ޔުނިވަސިޓީގެ ބިލާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުންދާއިރު ޑީއާރުޕީގެ ޕޮޒިޝަނަކަށް ވާނީ ކުއްލިއްޔާ އާއި ގައުމީ ޔުނިވަސިޓީ ވަކިން ހިންގުމަށް ކަމަށެވެ.
ރޭގެ ޕްރޮގްރާމްގައި، ރާއްޖެއަށް މަސްތުވާތަކެތި އެންމެ ބޮޑަށް ފުޅާވެފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށް ބުނެ އެ ކަމުގެ ޒިންމާ ވަރަށް ގިނަ ފަރާތްތަކުން އެ މަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދަވާއިރު ޒިންމާ އުފުއްލަވަންތޯ ޕްރެޒެންޓަރު ދެންނެވުމުން ވިދާޅުވީ އެ ޒިންމާ ނުއުފުއްލަވާ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނު ނޮވެމްބަރު ،11 1978 ގައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ވެސް ރާއްޖޭގައި މަސްތުވާތަކެތީގެ ކަންކަން އޮތީ ފެށިފައި ކަމަށާއި އޭރު ވެސް މަސްތުވާތަކެތީގެ ގާނޫނެއް އޮތް ކަމަށެވެ. އަދި އޭގެ ފަހުން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ ގާނޫނަށް ބަދަލު ގެންނަވައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ އެއްވެސް ބޭފުޅަކު މަސްތުވާތަކެތި ބޭނުން ކުރެއްވިތޯ ދެންނެވުމުން ވިދާޅުވީ "މަސްތުވާތަކެތި ކީއްކުރަންތޯ، އަޅުގަނޑުގެ ކުއްޖަކު ދުންފަތުގެ އިސްތިއުމާލު ކޮށްފައި ވެސް ނޯންނާނެ" ކަމަށެވެ.
މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތްތަކުގައި ވަކި ބަޔަކު ސަލާމަތް ކުރެއްވުމަށް އެކަން ހުއްޓުވާފައިވާނެތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެކަން ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އެއްވެސް ބޭފުޅަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ސުވާލު ނުކުރަން އަދި އެ ނޫން މީހެއްގެ ތަހުގީގެއް ނުކުރުމަށް ވެސް އަންގަވާފައި ނުވާނެ ކަމަށެވެ.
"ހޫނު ގޮނޑި" ޕްރޮގްރާމްގައި އޮންނަ ސެގްމަންޓް "އާ އެނކޭ" ނުވަތަ "ނޫނެކޭ" ވިދާޅުވުމަށް ކޮންމެ މެހުމާނަކަށް ވެސް އޮންނަ ފުރުސަތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޑީއާރުޕީގެ ލީޑަޝިޕަށް ބަދަލު ގެނައުމަށް ފެނިވަޑައިގަންނަވާތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެގޮތަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދު ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފާނެތޯ ދެންނެވުމުން ވިދާޅުވީ "ނުވާނެ" ކަމަށެވެ. މި ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ފަސް ވައުދު ހާސިލު ކުރެވޭނެތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެކަންތައް "ނުކުރެވޭނެ" ކަމަށެވެ. ރައީސް މައުމޫންގެ އެއްވެސް ބެންކް އެކައުންޓެއްގައި ރައްޔިތުންގެ ފައިސާ ހުންނާތޯ ދެންނެވުމުން ވިދާޅުވީ "ނުހުންނާނެ" ކަމަށެވެ. ރާއްޖެއިން ބޭރުން ވަޒީފާއެއް ލިބިވަޑައިގެންފިނަމަ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރައްވަފާނަންތޯ ދެންނެވުމުން ވިދާޅުވީ އެކަން ނިންމަވާނީ ލިބިވަޑައިގަންނަވާ ވަޒީފާއެއްގެ މައްޗަށް ބައްލަވާފައި ކަމަށެވެ.
ރައީސް މައުމޫނަށް ގެއްލުންވާ ގޮތަށް ކޮއްކޯފުޅު އަބްދުﷲ ޔާމީން އެއްވެސް ކަމެއް ކުރައްވަފާނަންތޯ ދެންނެވުމުން ވިދާޅުވީ "ނުކުރައްވާނެ" ކަމަށެވެ.
އިޒްރޭލާއެކު އެއްވެސް ސިއްރު އަދި ސިޔާސީ ގުޅުމެއް ވެސް އަޅުގަނޑުގެ ސަރުކާރުގައި ނޯންނާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ