ހޯމަ ދުވަހު އެއްވެސް ހަޅުތާލެއް ކުރުމަށް ރާވައިފައެއް ނެތް: މުވައްޒަފުން

މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި އައިލެންޑް އޭވިއޭޝަން ސާވިސްގެ ގްރައުންޑް ހޭންޑްލިންގެ 93 މުވައްޒަފަކު ސޮއިކޮށްފައިވާ ޕެޓިޝަންގައި، މުސާރަ ބޮޑުކޮށްނުދީފި ނަމަ އަންނަ ހަފުތާގެ ހޯމަ ދުވަހު އެއްވެސް ހަޅުތާލެއް ކުރުމަށް ބުނެފައި ނުވާނެ ކަމަށާއި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ގްރައުންޑް ހޭންޑްލިންގެ މުވައްޒަފުންގެ ޕެޓިޝަން ހުށަހެޅުމާ އެކު، އަންނަ ހަފުތާގެ ހޯމަ ދުވަހު ހެނދުނު 30: 6 އިން ފެށިގެން ހަ ގަޑިއިރުގެ ހަޅުތާލެއް ކުރުމަށް މުވައްޒަފުން ރާވާފައިވާ ކަމަށް ބުނެ އިންޓަނެޓުގެ ބައެއް ސައިޓްތަކުގައި ވަނީ ހަބަރު ފަތުރައިފަ އެވެ. ހޯމަ ދުވަހަކީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް އާންމުކޮށް އެންމެ ބާރުބޮޑުވާ ދުވަހެވެ.
ޕެޓިޝަންގައި އިސްކޮށް ސޮއިކުރި އިސް މުވައްޒަފަކު ބުރާސްފަތި ދުވަހު ބުނީ ގްރައުންޑް ހޭންޑްލިންގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި އެއްވެސް މުއްދަތެއް ދީފައި ނުވާނެ ކަމަށެވެ.
"މުސާރަ ބޮޑުކޮށްދިނުމަށް އަޅުގަނޑުމެން އެދިފައި ވާނީ ވަރަށް ރީތި ގޮތުގައި. މުސާރަ ބޮޑުކޮށް ނުދީފި ނަމަ މިވެނި ކަމެއް ކުރާނަމެކޭ ބުނެފައެއް ނޯންނާނެ. އަދި ޑެޑްލައިނެއް ވެސް ދީފައެއް ނޯންނާނެ. އަޅުގަނޑުމެންގެ ހާލަތު ބަޔާންކޮށްފައި އޮތް ވަރަށް ރީތި ރިކްއެސްޓެއް އެއީ،" ޕެޓިޝަންގައި ސޮއިކުރި މުވައްޒަފަކު ބުންޏެވެ.
އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރު ހިއުމަން ރިސޯސަސް އިސްމާއީލް ޝުޖާއު ވެސް ބުރާސްފަތި ދުވަހު ވިދާޅުވީ ގްރައުންޑް ހޭންޑްލިންގެ މުވައްޒަފުންގެ ޕެޓިޝަނުގައި، ހޯމަ ދުވަހު ހަޅުތާލެއް ކުރާނެ ކަމަށް ބުނެފައި ނެތް ކަމަށެވެ.
"ހަޅުތާލެއްގެ ވާހަކަ އަޅުގަނޑުމެންނަށް އެނގުނީ ވެސް ބައެއް ނޫސްތަކުން. އެކަހަލަ އެއްވެސް އިޝާރާތެއް މުވައްޒަފުންގެ ފަރާތަކުން ލިބިފައެއް ނެތް. މުވައްޒަފުންގެ ޕެޓިޝަނުގައި ވެސް އޮތީ އެ މީހުންގެ ހާލަތު ހުރި ގޮތުން މިހާރަށް ވުރެ ރަނގަޅު މުސާރައެއް ހަމަޖައްސައި ދިނުމަށް އެދިފައި. އޭގެ އިތުރުން، މުސާރައިގެ ކަންތައްތައް ބައްލަވައި ދެއްވާށޭ ދިނުމަށް މެނޭޖިން ޑިރެޓަރަށް އެޕީލެއް ކޮށްފައި އެ ޕެޓިޝަންގައި އޮތީ. މުސާރަ ބޮޑުކޮށްދިނުމަށް އެދި ވަރަށް އިޚުލާސްތެރިކަމާ އެކު އެދިފައި،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕެޓިޝަންގެ މައްސަލައިގައި، އެ ޕެޓިޝަން ހުށަހެޅި މުވައްޒަފުން ހާޒިރުކޮށް، ބުދަ ދުވަހު ސުވާލުކުރެއްވި ކަމަށެވެ. އެހެން ނަމަވެސް މުވައްޒަފުންނާ ސުވާލުކުރެއްވީ އެއީ ހަގީގީ ޕެޓިޝަނެއްތޯ ބެލުމަށް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ހަގީގީ ޕެޓިޝަނެއްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.
މުސާރަ ބޮޑުކޮށްދިނުމަށް އެދި ގްރައުންޑް ހޭންޑްލިންގެ މުވައްޒަފުން ހުށަހަޅާފައިވާ ޕެޓިޝަނާ މެދު އަމަލުކުރައްވަނީ ކޮންގޮތަކަށްތޯ ދެންނެވުމުން ޝުޖާއު ވިދާޅުވީ، އެކަންތައް މިހާރު ބައްލަވަމުން ގެންދަވާ ކަމަށާއި އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.
"މިއީ ވަރަށް ތަފުސީލުކޮށް ބަލަން ޖެހޭ ކަންތައްތަކެއް. ކުއްލިއަކަށް ނިންމޭނެ ކަންތައްތަކެއް ނޫން. އެހެންވެ އެކަންތައް ބަލަމުން ދަނީ،" ޝުޖާއު ވިދާޅުވި އެވެ.
ޕެޓިޝަންގައި އިސްކޮށް ސޮއިކުރި މުވައްޒަފަކު ބުރާސްފަތި ދުވަހު ބުނީ އެ ޕެޓިޝަނާ ގުޅިގެން މާފަށް އެދޭ ޒާތުގެ ލިޔުމެއް އައިލެންޑް އޭވިއޭޝަންގެ ބައެއް މުވައްޒަފުން ގެންގުޅޭ ކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަށް އެޑްރެސްކޮށްފައިވާ އެ ލިޔުމުގެ ކޮޕީއެއް ހަވީރަށް ވެސް ބުރާސްފަތި ދުވަހު ވަނީ ލިބިފަ އެވެ.
ޕެޓިޝަންގައި ސޮއިކުރި އިސް މުވައްޒަފު ބުނި ގޮތުގައި މެނޭޖިން ޑިރެކްޓަރަށް އެޑްރެސްކޮށްފައިވާ އެ ލިޔުމަކީ ކުންފުނީގެ މެނޭޖްމަންޓުން ނެރެފައިވާ ލިޔުމެއް ކަމަށާއި ބޭނުމަކީ ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުން ލައްވާ މާފަށް އެދުވުން ކަމަށެވެ. އެހެން ނަމަވެސް ޝުޖާއު ވިދާޅުވީ އެފަދަ ލިޔުމެއް މުވައްޒަފުން ގެންގުޅޭ ކަމަށް އެނގިވަޑައިގެންފައިވާ ނުވާ ކަމަށާއި އެއީ މެނޭޖްމަންޓުގެ އެއްވެސް ފިއްތުންތަކެއް އޮވެގެން ނެރުނު ލިޔުމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ