އަބްދުﷲ ގާޒީ ހުންނެވީ ގިރިފުށީގައި ކަމަށް އާއިލާއަށް އަންގައިފި

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މިރޭ 30: 9 ހާއިރު ސިފައިންގެ ހަތަރު މީހަކު ވަނީ ގާޒީގެ ގެއަށް ގޮސް، އޭނާގެ ހާލަތާއި ހުންނެވި ތަނުގެ މައުލޫމާތު ދީފަ އެވެ.
"އެ މީހުން އައިސް ބުނީ ތިމަންނަމެން މިއައީ ތިން ކަމެއްގައޭ. ފުރަތަމަ ކަމަކަށް އަބްދުﷲ ހުންނެވީ ހެޔޮ ހާލުގައޭ. ކައިގެންނޭ ހުންނެވީ. ދެވަނަ ކަމަކަށް ބުނީ އަބްދުﷲ އަށް ފޯނު ކުރެވިދާނެ އޭ. ތިންވަނަ ކަމަކަށް ބުނީ އަބްދުﷲގެ އަންނައުނު ބަލައޭ މި އައީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އާއިލާއިން ބުނީ އަބްދުﷲ ގެއަށް ދިޔަ ސިފައިން އޭނާއަށް ފޯނުކުރި ނަމަވެސް އަބްދުﷲ ފޯނުން ވާހަކަ ދައްކަވަން ބޭނުން ނުވި ކަމަށެވެ. އެހެން ނަމަވެސް ސިފައިން ދިޔައީ އަބްދުﷲގެ ހެދުންތައް ހިފައިގެންނެވެ.
"އަޅުގަނޑުމެން ވެސް ގަޑިއެއްހާއިރު ވަންދެން އެ ސިފައިންނާ ވާހަކަ ދެއްކިން. ގާނޫނީ އިމުގެ ތެރޭގައި ކަންތައްތައް ކުރުމަށާއި އަބްދުﷲގެ ހައްގުތައް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް އަޅުގަނޑުމެން އެދުނިން. އެކަމަކު އެ ސުވާލުތަކަށް އެ ސިފައިންގެ މީހުން އެއްވެސް ޖަވާބެއް ނުދިން. އަޅުގަނޑުމެން ބުނިން މިހާ ރީތިކޮށް ގެންދެވެން އޮތް ކަމެއްގައޭ މި އޮތް ހުރިހާ ދުވަހު ތި ހިފެހެއްޓީ،" އާއިލާއިން ބުންޏެވެ.
އަބްދުﷲ ހުންނެވިތަން ސިފައިން އޭނާގެ އާއިލާއަށް މި އެންގީ، ހައްޔަރުކުރިތާ 48 ގަޑިއިރުވާން ކައިރިވެފައި ވަނިކޮށެވެ. އަދި އަބްދުﷲ ހުންނެވި ތަން މިހާ ހިސާބަށް ވެސް ނޭނގިގެން އާއިލާގެ އިތުރުން ތަފާތު އެތައް މުއައްސަސާއަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އާއިލާ އިން ބުނީ ސިފައިން އެ ގެ އަށް ގޮސް އަބްދުﷲ ގާޒީގެ އަންނައުނު ހިފައިގެން ދިޔައީ މިރޭ 30: 8 ގައި ގާޒީ ގެ އަށް ގެންނާނެ ކަމަށް ކުރިން އަޑުއިވިފައި އޮއްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ