ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި އޭރު ސިފައިންގެ އިސްބޭފުޅުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ކުށުގެ ދައުވާގެ ދެވަނަ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި އެވެ. 
އަބްދުﷲ ގާޒީގެ މައްސަލައިގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރަކަށް އޭރު ހުންނެވި، މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީއާއި، ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. 
އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ ދެވަނަ އަޑުއެހުން މާދަމާ ކުރިއަށް ގެންދަން ނިންމާފައިވަނީ ވަކިވަކިން ތަފާތު ގަޑިތަކުގަ އެެވެ. އެގޮތުން މޫސާ އަލީ ޖަލީލުގެ ޝަރީއަތް ހަވީރު 4:00 އަށް ތާވަލްކޮށްފައިވާއިރު، އިބްރާހީމް ދީދީގެ ޝަރީއަތް ތާވަލްކޮށްފައިވަނީ 5:00 ޖަހާއިރު އެވެ. އަދި މުހައްމަދު ޒިޔާދުގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މާދަމާ ރޭގެ 7:00 އަށެވެ. 
މި ތިން ބޭފުޅުންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ އަންގާރަ ދުވަހު އެވެ. ވަކިވަކިން ބޭއްވި އަޑުއެހުންތަކުގައި އެދުވަހު ވަނީ ވަކީލުން އައްޔަންކުރުމަށް ތިން ދުވަހުގެ މުއްދަތެއް އެ ހުރިހާ ބޭފުޅުންނަށްވެސް ދީފަ އެވެ. 
މި ތިން ބޭފުޅުންގެ އިތުރަށް، ދައުލަތުން މި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އޭރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށެވެ. 
ރައީސް ނަޝީދާއި ތޮލްހަތުގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން ރޭ ވަނީ ބާއްވާފަ އެވެ. ވަކިވަކިން ބޭއްވި އަޑުއެހުމުގައި ދެބޭފުޅުންނަށް ވެސް ވަނީ ދައުވާއަށް ތައްޔާރުވުމަށް ތިން ދުވަސް ދީފަ އެވެ.
    
    އަބްދުﷲ ގާޒީ މައްސަލައިގެ ތިން އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ